އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިސްލާމް ދީނަށް ވަނުމުގެ ފިކުރު

2 years ago

އައިމިނަތު ހަބީބާ

ތިރީގައި މި ވަނީ ސްވީޑްންގެ އަންހެން ކުއްޖަކު ކަމުގައިވާ ޙަނީފާ ބިންތް ސްޓެފަން އޭނާ އިސްލާމްވާން ދިމާވިގޮތް ބަޔާންކޮށް ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުން ނަގާފައިވަނީ ސުލައިމާން ޑަފޯޑް ލިޔުއްވި "ކޮންވާރޝަން ޖާރނީސް" ނަމަކަށް ކިޔުނު ފޮތުންނެވެ. އެ ފޮތް ޗާޕްކުރެވުނީ 2006ވަނަ އަހަރު މެލޭޝިޔާގަ އެވެ.


އިސްލާމް ދީނަށް ވަނުމުގެ ފިކުރެއް އެންމެ ފުރަތަމަ އަހަރެންނަށް ކުރެވުނީ އަހަރެންގެ އުމުރުން 15 އަހަރުގަ އެވެ. އެކަން ވީގޮތަކީ އަހަރެން މަތީ ޘާނަވީގައި ކިޔަވަމުން ދިޔައިރު ދިނާބެހޭ ފޮތެއްގައި ލިޔެފައި އޮތް ސްވީޑްންގެ އަންހެނަކު އިސްލާމްވީ ގޮތުގެ ވާހަކަ ކިޔާލެވިގެން އެފަދަ ޚިޔާލެއް ކުރެވުނީ އެވެ. ޚިޔާލަށް އަންނަންފެށީ އަހަރެން އިސްލާމްވެއްޖެނަމަ ވާނީ ކިހިނެއްބާ އެވެ؟ އެކަންތަކުން އަހަރެންގެ ދިރިއުޅުމަށް އަންނާނީ ކޮންފަދަ ބަދަލެއް ހެއްޔެވެ؟ ކިޔާލެވުނު ވާހައިގައި އެބުނާ މުސްލިމް އަންހެނާ އެ އުޅެނީ ބޮލުގައި ބުރުޤާ އަޅައިގެންނެވެ. އެކަމަކު އޭނާ އުޅެނީ ސެކްރެޓަރީއެއްގެ ވަޒީފާގަ އެވެ. އިސްލާމް ދީނާ ބެހޭ މަޢުލޫމާތު އަހަރެންގެ ކިބައިގައި މަދުކަމުން މުސްލިމް އަންހެނުން ބުރުޤާއަޅައިގެން އުޅޭއުޅުން ވެގެންދިޔައީ ބޮޑު ޙައިރާންކަމަކަށެވެ. އަހަރެންގެ ސުވާލަކަށްވީ ބޮލުގެ އިސްތަށިގަނޑު އެއްކޮށް ނިވާވާވަރަށް ބުރުޤާއަޅައިގެން ވަޒީފާއަދާކުރާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަށް އުޅޭ އަންހެނަކަށް ވަޒީފާ ދޭނީ ކާކު ހެއްޔެވެ؟ އިސްލާމްވެއްޖެނަމަ ބުރުޤާއަޅަން ޖެހިދާނެތީ ގަތްބިރުން ނިންމީ އިސްލާމްނުވާށެވެ. އެހެނީ ބުރުޤާއަކީ އަހަރެން އުންމީދުކުރާ ފަދަ ރަނގަޅު ވަޒީފާއެއް ލިބުމަށް ހުރަސްއަޅާފާނެ އެއްޗަކަށް ވެދާނެތީ އެވެ.


އަހަރެންގެ އުމުރުން 16 އަހަރު ވީތަނާހެން ކިޔަވަމުންދިޔަ ސްކޫލް ބަދަލުކުރަންޖެހިއްޖެ އެވެ. އޭރު ދިރިއުޅެމުން ދިޔައީ ބޮޑު ރަށެއްގެ ރަށްބޭރުގައި ހުންނަ ގެއެއްގައި ކަމުން، އާ ސްކޫލަކަށް ބަދަލުވާއިރު ރަށުގެ މެދުތެރެއިން ރަނގަޅު ފެންވަރުގެ ސްކޫލެއް އިޚްތިޔާރުކުރީމެވެ. އަލަށް ކިޔަވަންދިޔަ ސްކޫލްގައި ގިނަ އަދަދަކަށް ބިދޭސީ ކުދިން ކިޔަވަން އުޅޭނެކަމަކަށް ހީއެއް ނުކުރަމެވެ. އެ ސްކޫލްގައި ކިޔަވަންފެށިތާ މާ ގިނަ ދުވަހެއްނުވެ މޮޅިވެރިކަން އިހުސާސްކުރެވެން ފެށުނެވެ. މިހެންކަމުން އަހަރެން ބޭނުންވީ ކިޔަވަމުން ދިޔަ ދާއިރާ ބަދަލުކުރާށެވެ. އޭރު އަހަރެން ކިޔަވަމުން ދިޔަ މީޑިޔާގެ ރޮނގު ދޫކޮށް ތަފާތު ބަހުރުވަތައް ދަސްކުރުމުގެ ރޮނގުން ކިޔަވަން ފެށީމެވެ. އެކަމަށްޓަކައި މުޅިންވެސް ނުދަންނަ ކުދިން ތިބި އާ ކްލާހަކަށް ދާންޖެހުނެވެ.


އެ ކްލާހުން އެންމެ ފުރަތަމައިނުން ވެސް އަހަރެންނާ ހިތްހެޔޮކޮށް ވާހަކަދައްކާ ރައްޓެރިކަން އިޚްތިޔާރުކުރީ އެފްރިކާ ބައްރުގެ އަންހެން ކުއްޖެކެވެ. ދެން އެއަށްފަހު ޢިރާޤުގެ އަންހެން ކުއްޖެކެވެ. މި ބުނި ޢިރާޤް އަންހެން ކުއްޖާ އުޅެނީ ބުރުޤާ އަޅައިގެންނެވެ. މިހެންކަމާއެކު އަހަރެންނަށް ބޭރު ޤައުމެއްގައި އުޅެވެމުންދާފަދަ އިހުސާސްތަކެއް ކުރެވުނެވެ. އެހެނީ މިވީހައި ތަނަށް އަހަރެންގެ ވަށައިގެން ދިރިއުޅެމުން ދިޔައީ ދިރިއުޅުމުގެ އާދަކާދަ އަހަރެންނާ ނުހަނު އެއްގޮތް މީހުން ކަމުގައި ވެފައި ވުމުންނެވެ. ތަފާތު ޘަޤާފަތްތަކާއި، ދިރިއުޅުމުގެ ތަފާތު ވައްޓަފާޅިތަކުގެ ތެރެއަށް އަހަރެންގެ ލޯ ހުޅުވެންފެށީ މިހާ ހިސާބުންނެވެ. ޢިރާޤްކަރައިން އައިސް ސްވީޑްންގައި ކިޔަވަން އުޅެމުންދިޔަ އަންހެން ކުއްޖާގެ މައްޗަށް އަހަރެންގެ ހިތް ލެނބޭގޮތް ވިއެވެ. ވުމާއެކު އޭނާއާއި ވަރަށް ބޮޑަށް އެކުވެރިވެ، އެކީގައި ތަންތަނަށް ގޮސް ހަދަން ފެށިއްޖެ އެވެ. އަދި މިއާއެކު އޭނާގެ ރައްޓެހިންނާ އަހަރެން ވެސް ރައްޓެހިވެ އެކުވެރިކަން އުފައްދައިފީމެވެ.


އަހަރެންގެ ސްކޫލްގައި ތިބި މުސްލިމުން އެމީހުންގެ ދިނާމެދު ވާހަކަދައްކައި، ފޯރިގަދަ މަޝްވަރާތައް ކުރާ އަޑު އަހަރެންނަށް ގިނަގިނައިން އިވެމުންދެ އެވެ. މިކަމާމެދު އަހަރެން ހުންނަކީ އަބަދުހެން ވިސްނަންޖެހިފަ އެވެ. އަހަރެންގެ ހިތަށް އަރަމުންދިޔައީ މުސްލިމުން އެމީހުންގެ ދީން އެއީ މުޅި ޙަޔާތަށް މަގުދައްކާ އެއްޗެއް ކަމުގައި ބަލައިގަންނަނީ ކީއްވެ ހެއްޔެވެ؟ މުސްލިމުންގެ ދީނަކީ ކްރިސްޓިޔަނުންގެ ދީން ފަދަ އެއްޗެއް ކަމުގައި ނުވެ އެވެ. މުސްލިމުންގެ ދީން ވަނީ ދިރުންހުރި އެއްޗެއްކަމުގަ އެވެ. ނަޞްރާނީ ދީން ފަދައިން (ދިރިއުޅުމުގެ ޙަޔާތާ ގުޅުމެއް ނެތް) މަރުވެފައިވާ އެއްޗެއްކަމުގައި އިސްލާމް ދީން ނުވެ އެވެ. އަހަރެންގެ ސްކޫލްގައި އުޅޭ ކޮންމެ މުސްލިމެއްގެ ޙަޔާތަށް އަސަރުފޯރުވާ އެއްޗެއް ކަމުގައި އިސްލާމް ދީން ވެއެވެ.


އަހަރެންގެ ބައްޕައާއި އެކު ބޭރަށް ދިޔަ ދުވަހަކު ބޭނުންކޮށްފައި ހުންނަ ތަކެތި ވިއްކާ ބާޒާރަކަށް ދިޔައީމެވެ. އެތަނުގައި ހުރި ފޮތްތަކެއް ބަލަމުން ދަނިކޮށް ސްވީޑްން ބަހުން ލިޔެފައި އޮތް ޤުރާންގެ ދުވަސްވީ ތަރުޖަމާއެއް އަހަރެންނަށް ފެނުނެވެ. އާޘާރީ ތަކެތި އެއްކުރުމުގެ ނިޔަތުގައި ނަމަވެސް އަހަރެން ޤަޞްދުކުރީ އެ ފޮތް ގަންނާށެވެ. މިއާއެކު އަހަރެންގެ އެކުވެރިޔާގެ ދީނުގެ ޙަޤީޤަތް އޮޅުންފިލުވައިލުން ވެސް އެ ފޮތް ގަތުމުގެ ބޭނުމަކަށް ވިއެވެ. އެދުވަސްވަރު އަހަރެން ގަންނަ ނޫސް މަޖައްލާ ފަދަ ތަކެތީގެ ތެރޭގައި އިސްލާމް ދީނާ ބެހޭ އެފަދަ ތަކެތި ވެސް އަހަރެން ބަހައްޓަން ފަށައިފީމެވެ. ދެން ގިނަ ދުވަސްތަކެއް ނުވެ ޤުރުއާން މުސްޙަފް ބަލައިގެން އަހަރެންގެ އަތުން ސޫރަތުލް ފާތިޙާ ލިޔެ، އޭގެ މާނަވެސް ލިޔުނީމެވެ. އެއަށްފަހު އެ ސޫރަތުގެ މާނަ ހިތުދަސްކުރީމެވެ. 


މިކަންކަން ކުރެވުނީ ކީއްވެގެން، ކޮން މަޤުޞަދެއްގައި ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގެ އެވެ. ހަމައެކަނި ބުނެވޭނީ އެއަށް ޝައުޤުވެރިވެވުނީ ކަމުގަ އެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންނަށް ޤުރުއާންގެ ތަރުޖަމާ ކިޔަމުންދާން ފެށިއްޖެ އެވެ. ޤުރުއާނުގެ މާނަ ކިޔަމުން ދިޔަވަރަކަށް އަހަރެންނަށް އިޙުސާސްކުރެވެމުން ދިޔައީ އަގު ބޮޑު ޚަޒާނާއެއް ފެނިގެންއުޅޭ ފަދަ އިޙްސާސެކެވެ. އެ ފޮތާ ދިމާއަށް އަހަރެން ދަމާ ގެންދާ ބާރެއް ވާހެން ހީކުރެވެން ފެށި އެވެ. އެހެން ދިމާވާންޖެހުނީ ކީއްވެކަމެއް ބަޔާންކުރާކަށް ނޭނގެ އެވެ. މިކަމާއެކު އަހަރެންގެ އެކުވެރި ޢިރާޤު އަންހެން ކުއްޖާގެ ގާތަށް ގޮސް އަހަރެން އިސްލާމް ދީނަށް ޝައުޤުވެރިވާ ވާހަކަ ބުނެފީމެވެ. މިހެން ބުނުމާއެކު އޭނާއަށް ލިބުނީ ކުއްލި ޝޮކެއް ނުވަތަ ޙައިރާންކަމެކެވެ. ދެން އޭނާ އަހުރެން ގާތު (ދީނުގެ ވާހަކަދައްކަން) އަވަހަށް އިށީންނާށޭ ބުނެފި އެވެ. އަހަރެންނާއެކު އިށީންދެވިގެން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނާންނާނެ ކަމުގައި ބުންޏެވެ. އޭނާއަށް ލިބުނު ޙައިރާންކަން ފިލާގޮސް ދެ މީހުންނަށް ހަމަޖެހިލެވޭވަރު ވީފަހުން އޭނާ ޤަޞްދުކުރީ އަހަރެން ގޮވައިގެން އިސްލާމީ ޖަމިއްޔާއަކަށް ދާށެވެ. އެތަނަށް ދިޔުމުން އެމީހުން އަހަރެންނަށް ފޮތްތަކަކާއި، ޕެންފްލެޓްތަކެއް (ލުއިފޮތް) ދިނެވެ. އަދި އަލަށް އިސްލާމް ދީނަށް ވަން ސްވީޑްން އަންހެނެއްގެ ފޯނު ނަމްބަރު ވެސް ދިނެވެ.


(އިސްލާމްވާން ޤަޞްދުކޮށްގެން) އެތަނުން ގެއަށް ދިޔުމަށްފަހު އަހަރެން ހުރީ އާއިލާގެ މީހުން ބުނާނެ އެއްޗެއް ނޭނގޭތީ ބިރުންނެވެ. އަހަރެން އިސްލާމް ދީނަށް ވަންނަން ބޭނުންކަމަށް މަންމަ ގާތު ބުނުމާއެކު މަންމަ ގާތަށް އައީ ރުޅި އެވެ. މިއާއެކު އަހަރެންގެ އާއިލާގެ އެންމެންވެގެން އަހަރެންގެ މުޅި ކޮޓަރި ހާވައިގެން އެތަނުގައި ހުރި ހުރިހާ އިސްލާމް ދީނާ ބެހޭ ފޮތްތައް ނެރެ އުކާލައިފި އެވެ. އެމީހުން އަހަރެންނާ ދިމާއަށް ބުނަމުން ދިޔައީ އިސްލާމް ދީނަކީ ބާވަތެއްގެ 'ކަލްޓެއް' ކަމަށެވެ. އަދި އަހަރެން މިވަނީ ބަޔަކު އަހަރެންގެ ބޮލަށް ސަވާރުވެގެން ސިކުނޑިދޮވެލާފައި ކަމަށެވެ. {ނޯޓް: 'ކަލްޓް' މިއީ ދުނިޔޭގައި އާންމު މީސްތަކުން ނޫޅޭ ބާވަތަކަށް ދިރިއުޅުން ބައްޓަންކޮށްގެން އުޅޭ، އެންމެހާ ދީންތަކުގެ މީހުންނާ ޢަޤީދާއާއި މުޅިން ތަފާތު، ހައްދުފަހަނާއަޅާފައިވާ ޖަމާޢަތަކަށް ނުވަތަ ގްރޫޕަކަށް ކިޔާނަމެކެވެ.}


އާއިލާގެ މީހުން އެހެންކިޔާ އިންޒާރުދިން ނަމަވެސް އިސްލާމްވުމަށް އަހަރެން ކޮށްފައި އޮތް ޢަޒުމަކަށް ގުޑުމެއް ނޭރި އެވެ. 2001ވަނަ އަހަރުގެ ޖުލައިމަހު އަހަރެން ގޭ މީހުންނާ ދެކޮޅަށް ފާޅުގައި ޝަހާދަތް ކިޔައިފީމެވެ. އެއަށްފަހު، އަހަރެންނަށް ފޯނު ނަމްބަރު ލިބިފައިވާ ސްވީޑްންގެ މުސްލިމް އަންހެން މީހާއަށް ގުޅައިގެން އޭނާގެ ގާތުން އިސްލާމް ދީން ދަސްކުރަން އޭނާގެ ގެއަށް ދެވޭނެގޮތް ހަމަޖައްސައިފީމެވެ. އޭނާގެ ގެއަކީ ރީތީ ބަގީޗާއެއް އޮތް ޖާގައިގޮތުން ތަނަވަސް ގެއެކެވެ. އެދުވަހު އެ ގޭގެ ބަގީޗާ ތެރޭގައި (މީހުންނަށް ފެންނާނެހެން) ދެ މީހުން އެކުގައި މެންދުރު ނަމާދު ކުރީމެވެ. އަހަރެންނަށް އެކަން ބެލެވުނީ އިސްލާމް ދީނުގެ ޝިޔާރު ފާޅުކުރުމަށް ލިބުނު ފުރުޞަތެއް ކަމުގަ އެވެ. އެހެނީ އަހަރެންގެ ޤައުމުގައި މީސްތަކުންނަށް ފެންނާނެހެން ފާޅުގައި އަޅުކަންކުރުމަކީ ގިނަ މީހުން ރުހޭކަމެއް ނޫނެވެ. މިހާރު (އިސްލާމީ ޙިޖާބުގައި ނިވާކަންމަތީ ހުރުމުން) އަހަރެންނަށް މިނިވަންކަމުގެ އިޙްސާސް މާބޮޑަށް ކުރެވެ އެވެ. އަހަރެންގެ ޙަޔާތަށް އެންމެ ބޮޑަށް އަސަރުކުރުވި ކަލިމަތަށް އަޑަށް ބާރުލާފައި ފަހުންވެސް ފަޚުރުވެރިކަމާއެކު ކިޔާލެވުނެވެ. އެކަލިމަތަކަކީ (........................ ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙަންމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.) މިއެވެ. މި ކަލިމަތަކަށްވުރެ ބޮޑަށް އަހަރެންގެ ޙަޔާތަށް އަސަރުފޯރުވި ކަލިމަތަކެއް ނުވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު