އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މައުމޫމާ ކުށު ސަޖިދަޖަހަންޖެހޭ ޙާލަތްތައް

2 months ago

އިބްރާހިމް ޢަލީ

ކުށުސަޖިދަ ޖެހުމުގައި އިމާމާއަށް ތަބާވުމުގެ ޙުކުމަކީކޮބާ؟ އަދި މައުމޫމަކު ނަމަ ކުށުސަޖިދަ ޖެހުމުގެ ޙުކުމަކީ ކޮބާ؟


ނަމާދުގެ ހުރިހައި ރަކުޢަތެއް އިމާމު މީހާއާއެކު ލިބުނު މައުމޫމަކު ކަމުގައިވަނީ ނަމަ، ކުށުސަޖިދަ ޖެހުމުގައި މައުމޫމާ އޭނާގެ އިމާމާއާ ތަބާވުން ވާޖިބުވެގެންވެއެވެ. ( إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ , فَلا تَخْتَلِفُوا عَلَيْهِ , فَإِذَا رَكَعَ فَارْكَعُوا , وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا لَكَ الْحَمْدُ , وَإِذَا سَجَدَ فَاسْجُدُوا ) މާނައީ: "ހަމަކަށަވަރުން ވެސް، އިމާމާ އައްޔަން ކުރެވިފައި ވަނީ އޭނާއާ ތަބާވުމަށެވެ. ވީމާ، އިމާމާއާ ޚިލާފުވެނުގަންނާށެވެ! އަދި އޭނާ ރުކޫޢުކޮށްފި ނަމަ ރުކޫޢުކުރާށެވެ! އަދި އޭނާ سَمِعَ اللَّهُ لِمَنْ حَمِدَهُ މިފަދައިން ކިޔުމުން رَبَّنَا لَكَ الْحَمْدُ މިފަދައިން ކިޔާށެވެ! އަދި އޭނާ ސަޖިދަކޮށްފިނަމަ ސަޖިދަކުރާށެވެ!" މި ޙަދީޘު ނަޤުލުކުރެއްވީ އިމާމު ބުޚާރީއާއި އިމާމު މުސްލިމެވެ. މިއީ ޞަޙީޙުލް ބުޚާރީގެ 722ވަނަ ޙަދީޘެވެ. އަދި ޞަޙީޙު މުސްލިމުގެ 414ވަނަ ޙަދީޘެވެ.


މައުމޫމާއަށް ވުރެ އީމާމު މީހާ ކުރިއަރައިގޮސްފައިވާ މައުމޫމާއަކީ ކޮބައިކަމާއި ކުށު ސަޖިދަ ޖެހުމުގައި އެފަދަ މައުމޫމާ ކަންތައްކުރާނެ ގޮތާ މެދު ދަންނާށެވެ! އެފަދަ މައުމޫމާއަކީ، އެއް ރަކްޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތައް އިމާމު މީހާއާއެކު ނުލިބުނު މީހާއެވެ. ވުމާއެކު، އެފަދަ މައުމޫމާގެ މައްޗަށް ވާޖިބުވެގެންވަނީ، ސަލާންދިނުމުގެ ކުރީން އިމާމު މީހާ ކުށުސަޖިދަ ޖަހައިފިނަމަ އިމާމު މީހާއާ ތަބާވެ އެނާއާއެކު ކުށުސަޖިދަ ޖެހުމެވެ. ނަމަވެސް، އިމާމު މީހާ ކުށުސަޖިދަ ޖެހީ، ސަލާންދިނުމަށް ފަހުގައި ކަމުގައި ވަނީ ނަމަ، އޭނާއާ ތަބާވެ އެނާއާއެކު ކުށުސަޖިދަ ޖެހުމެއް މައުމޫމާއަކަށް ނެތެވެ. ސަބަބަކީ އޭނާ އިމާމާއެކީ ލައްވާނުލިބައި އަދާ ކުރަން ލިބުނު ޢުޒުރުގެ ސަބަބުންނެވެ. އެހެންކަމުން، އިމާމު މީހާ ސަލާންދިނުމުން މައުމޫމާގެ ނަމާދުން ބާކީ އޮތް ރަކުޢަތް ނުވަތަ ރަކުޢަތްތައް އަދާކުރަމުން ދާ މައުމޫމުންނަކަށް އިމާމު މީހާއާއެކު ސަލާންދިނުމެއް އަދި ކުށުސަޖިދަ ޖެހުމުގައި އިމާމު މީހާއާ ތަބާވުމެއް ނޯންނާނެއެވެ. އެފަދަ ޙާލަތުގައި، އޭނާގެ މައްޗަށް ހުރީ އިމާމު މީހާއާއެކު ނުލިބުނު ރަކުޢަތް ނުވަތަ ރަކުޢަތްތައް ފުރިހަމަ ކުރުމަށްފަހު ސަލާންދީ، ދެން އެއަށްފަހު ކުށު ސަޖިދަޖަހައި ސަލާމްދިނުމެވެ.


ބަޔާންވެ ދިޔައީ އިޖްމާލީގޮތުން މައުމޫން ކުށު ސަޖިދަ ޖަހާނެ ގޮތެވެ. އަދި ތަފްޞީލީ ގޮތުން ބަލާނަމަ، މައުމޫމުން ކުށުސަޖިދަ ޖަހަންޖެހޭ ޙާލަތްތަކުގެ ޚުލާޞާ އަންނަނިވި ފޮޅުވަތްތަކުގައި މި ވަނީއެވެ.


1 - މައުމޫމާއަކީ، ނަމާދުގެ ހުރިހައި ރަކުޢަތެއް އިމާމާއެކު ލިބުނު މައުމޫމަކު ކަމުގައި ވެފައި، އިމާމު މީހާ ހަނދާންނެތި ކުށެއް ކުރެވިގެން ކުށުސަޖިދަ ޖަހައިފިނަމަ އިމާމާއާ ތަބާވުން މައުމޫމާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެއީ، ސަލާންދިނުމުގެ ކުރިން ނުވަތަ ފަހުން ކަމުގައި ވިޔަސް މެއެވެ.


2 - މައުމޫމާއަކީ، އެއް ރަކްޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތައް އިމާމު މީހާއާއެކު ނުލިބުނު މީހަކު ކަމުގައިވެފައި، ހަނދާންނެތި އިމާމާއަށް ކުށެއް ކުރެވުނީ އޭނާގެ ފަހަތުގައި މައުމޫމާ އިޤުތިދާ ވުމަށްފަހު އަދާކުރި ބައިގައި ކަމުގައިވާނަމަ އެ ކަމުގައި ތަފުޞީލުތަކެއް ވެއެވެ. ސަލާމްދިނުމުގެ ކުރިން އިމާމު މީހާ ކުށުސަޖިދަ ޖެހިނަމަ އެނާއާއެކު މައުމޫމާ ސަޖިދަކޮށް އެއަށް ފަހު އޭނާގެ ނަމާދުން އުނިވިބައި ފުރިހަމަކޮށް ނިންމުމަށްފަހު ކުށުސަޖިދަ ޖަހައި ސަލާންދޭނީއެވެ. ސަބަބަކީ، ނަމާދު ތެރޭގައި ކުށު ސަޖިދަ ޖެހުމަކީ އޮންނަ ކަމަކަށް ނުވުމާއެކު، އިމާމާއާ އެކު އޭނާ ކުރި ފުރަތަމަ ކުށު ސަޖިދައަކީ ކުށު ސަޖިދަ ޖެހުން އޮންނަ ތަނެއްގައި ޖެހުނު ކުށުސަޖިދައަކަށް ނުވާކަމެވެ. އަދިކިއެއްތަ! ކުށުސަޖިދަ ޖެހުމަކީ ނަމާދު ނިމުމުމުން ކުރަންޖެހޭ ކަމެކެވެ. ކަން މިހެން ހުރުމާއެކު، ބަޔާންވެދިޔަ ޙާލަތުގައި އިމާމާއާއެކު އޭނާ ޖެހި ކުށުސަޖިދައަކީ ހަމައެކަނި އިމާމާއާ ތަބާވުމުގެ ގޮތުން ޖެހި ސަޖިދައެކެވެ.


ސަލާންދިނުމަށްފަހު އިމާމު މީހާ ކުށުސަޖިދަ ޖަހައިފި ނަމަ، މައުމޫމާގެ ނަމާދުން ބާކީ އޮތް ރަކުޢަތް ނުވަތަ ރަކުޢަތްތައް އަދާކުރަން ޖެހޭ މައުމޫމުންނަކަށް އިމާމު މީހާއާ އެކު ސަލާންދިނުމެއް އަދި ކުށުސަޖިދަ ޖެހުމުގައި އިމާމު މީހާއާ ތަބާވުމެއް ނޯންނާނެއެވެ. އެފަދަ ޙާލަތުގައި، އޭނާގެ މައްޗަށް ހުރީ އިމާމު މީހާ ސަލާންދިނުމުން ސަލާންނުދީ ތެދުވެ، އިމާމު މީހާއާއެކު ނުލިބުނު ރަކުޢަތް ނުވަތަ ރަކުޢަތްތައް ފުރިހަމަ ކުރުމަށްފަހު ސަލާންދީ، ދެން އެއަށްފަހު ކުށު ސަޖިދަޖަހައި ސަލާމްދިނުމެވެ.


3- މައުމޫމާއަކީ، އެއް ރަކްޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތައް އިމާމު މީހާއާއެކު ނުލިބުނު މީހަކު ކަމުގައިވެފައި، ހަނދާންނެތި އިމާމާއަށް ކުށެއް ކުރެވުނީ އޭނާގެ ފަހަތުގައި މައުމޫމާ އިޤުތިދާ ވުމުގެ ކުރީން ކަމުގައި ވަނީ ނަމަ، މިސާލަކަށް ފުރަތަމަ ރަކުޢަތުގައި އިމާމާއަށް ހަނދާން ނެތި ކުށެއް ކުރެވިފައި ވަނިކޮށް މައުމޫމާއަށް ނަމާދުގައި ބައިވެރިވެވުނީ ދެވަނަ ރަކުޢަތުގައި ކަމުގައި ވެފައި އިމާމު މީހާ ސަލާންދިނުމުގެ ކުރީން ކުށުސަޖިދަ ޖެހިނަމަ އޭނާއާ ތަބާވެ ސަޖިދަ ޖެހުމަށްފަހު މައުމޫމާ އޭނާގެ ނަމާދު ފުރިހަމަކޮށް ސަލާންދީ ނިންމާނީއެވެ. އަދި އަނެއް ފަހަރު ސަޖިދަ ޖަހާކަށް މައުމޫމާއަކަށް ނުޖެހޭނެއެވެ. ސަބަބަކީ، ހަނދާން ނެތި އިމާމު މީހާއަށް ކުށެއް ކުރެވުނު ވަޤުތު އޭނާގެ ފަހަތުގައި އިޤުތިދާވެ ހުރި މީހަކު ކަމުގައި އޭނާ ނުވާތީއެވެ.


އަދި އިމާމު މީހާ ކުށުސަޖިދަ ޖެހީ ސަލާންދިނުމަށް ފަހުގައި ކަމުގައި ވަނީނަމަ އޭނާއާ ތަބާވާކަށް މައުމޫމާއަކަށް ނުޖެހޭނެއެވެ. އަދި ނަމާދު ނިންމުމަށްފަހުގައި ވެސް ކުށުސަޖިދަ ޖަހާކަށް އޭނާއަކަށް ނުޖެހޭނެއެވެ. ސަބަބަކީ، ނަމާދުގައި އީމާމު މީހާއަށް ކުރެވުނު ކުށުގައި އޭނާ ބައިވެރިވެފައި ނުވާކަމެވެ. އަދި އިމާމު މީހާއަށް ހަނދާންނެތުން މެދުވެރިވީ އޭނާގެ ނަމާދުގައި އެ މައުމޫމާ ބައިވެރިވުމުގެ ކުރީން ކަމުގައި ވާކަމެވެ.


ބަޔާންވެދިޔަ ހުރިހައި ގޮތްތަކަކީ އިމާމާގެ ފަރާތުން ދިމާވި ހަނދާންނެތުމެއްގެ ސަބަބުން ކުށު ސަޖިދަޖަހާ ކަމުގައި ވަނީ ނަމަ މައުމޫމާ ކަންތައް ކުރާނެ ގޮތްތަކެވެ. އަދި ހަމައެހެންމެ، ހަނދާންނެތުނު މީހަކީ މައުމޫމާ ކަމުގައި ވަނީ ނަމަ އޭނާ ކުށުސަޖިދަ ޖަހާނީ އަންނަނިވި ފަދައިންނެވެ.


4 - މައުމޫމާއަކީ އިމާމާއާއެކު ހުރިހައި ރަކްޢަތެއް ލިބުނު މީހަކު ކަމުގައި ވެފައި މައުމޫމާ ހަނދާންނެތުނީ މިސާލަކަށް ރުކޫޢުގައި ނުވަތަ ސަޖިދައިގައި ނުވަތަ އެފަދަ އެހެން ރުކުނެއްގައި ކިޔަންޖެހޭ ތަސްބިޙަ ނުވަތަ ދުޢާ ކިޔުން ކަމުގައި ވަނީ ނަމަ، އެކަމުގެ ސަބަބުން އޭނާ ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ސަބަބަކީ، މައުމޫމުންނަށް ކުރެވޭ އެފަދަ ކުށްތައް އުފުލާ މީހަކު ކަމުގައި އިމާމު މީހާ ވާކަމެވެ. އެހެނެއްކަމަކު، ހަނދާންނެތި ރުކުނެއް ދޫކޮށްލެވި، ރަކުޢަތެއް ބާތިލު ވާފަދަ ކުށެއް މައުމޫމާއަށް ކުރެވިއްޖެނަމަ، މިސާލަކަށް: ހަނދާން ނެތިގެން ސޫރަތުލް ފާތިޙާ ނުކިޔައި މައުމޫމާ ރުކޫޢަށް ހިނގައްޖެ ނަމަ، އިމާމު މީހާ ސަލާންދިނުމުން ސަލާންނުދީ ތެދުވެ، އެ ކުށް ކުރެވުމުގެ ސަބަބުން ބާތިލުވި ރަކުޢަތް އަލުން ކުރަންޖެހޭނެއެވެ. އެއަށްފަހު ފަހު އައްތަޙިއްޔާތައް އިށީނދެ އައްތަޙިއްޔާތު ފުރިހަމައަށް ކިއުމަށްފަހު ސަލާމްދޭނީއެވެ. ދެން އެއަށްފަހު ކުށުސަޖިދަޖަހައި ސަލާންދޭނީއެވެ.


މައުމޫމާއަކީ، އެއް ރަކްޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތައް އިމާމު މީހާއާއެކު ނުލިބުނު މީހަކު ކަމުގައިވެފައި، ކުށު ސަޖިދަޖަހަން ޖެހޭފަދަ ކުށެއް، ނަމާދުކުރުމުގެ ތެރޭގައި ހަނދާންނެތި އެފަދަ މައުމޫމާއަށް ކުރެވިއްޖެނަމަ، ހަމަކަށަވަރުން ވެސް ކުށު ސަޖިދަ ޖަހަން އޭނާއަށް ޖެހޭނެއެވެ. އެއީ، އިމާމު މީހާއާ އިޤުތިދާވެހުއްޓައި ކުރެވުނު ކުށެއްކަމުގައި ވިޔަސް ނުވަތަ އިމާމު މީހާ ސަލަންދިނުމުން އޭނާއާ އެކު ނުލިބުނު ރަކުޢަތްތައް އަދާކުރަމުން ދަނިކޮށް ކުރެވުނު ކުށެއްކަމުގައި ވިޔަސް މެއެވެ. ސަބަބަކީ، މިއިން އެއްވެސް ޙާލަތެއްގައި އޭނާ ސަޖިދަކުރުމުން އިމާމު މީހާއާ ޚިލާފުވީ މީހަކު ކަމުގައި އޭނާ ނުވާތީއެވެ. އެހެނީ، އެއިން ކޮންމެ ޙާލަތެއްގައި ވެސް އިމާމު މީހާގެ ނަމާދު ނިމިފައިވާ ކަމަށް ޓަކައެވެ. والله أعلم .

ކިޔުންތެރިންގެ ހިޔާލު