އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ބާރުގަދަ ހަތިޔާރުތަކުން ބިރުދެއްކުން

2 years ago

އިބްރާހިމް ނާޒިމް

ހުރިހާ ބާވަތެއްގެ ނަމަވެސް ހަތިޔާރަކީ ނުރައްކާތެރި އެއްޗެއްކަމާއި މެދު އިންކާރުކުރާނެ މީހަކު ނުހުންނާނެ އެވެ. ހަތިޔާރުތަކުގެ ތެރެއިން ވެސް ނިޔުކްލިޔަ ހަތިޔާރަކީ ދުނިޔޭގައި މުޅި އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމަށް އޮތް ބޮޑު ބިރެއްކަމުގައި ވެފައިވާ އެއްޗެކެވެ. މީގެ އިތުރުން ކެމިކަލް ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރަކީ ވެސް އޭގެ ގެއްލުން ވަކި ކުޑަ އެއްޗެއް ނޫނެވެ. ނިޔުކްލިޔަ ހަތިޔާރުން ދެވިދާނެ ބޮޑު ގެއްލުން ފުރަތަމަ ދުނިޔެއަށް ހާމަވެގެން ގޮސްފައި ވަނީ 1945ވަނަ އަހަރު އެވެ. އެދުވަސްވަރު އެއީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އަންނަމުން ދިޔަ ދުވަސް ވަރެވެ. ކުއްލިޔަކަށް މުޅި ދުނިޔެ ސިއްސުވާލީ އަލަށް އުފެއްދި ބާރުގަދަ ހަތިޔާރެއްގެ ވާހަކައިންނެވެ. އެހެންވާން ދިމާވީ އެމެރިކާއިން ވަރަށް ކުއްލި ގޮތަކަށް ޖަޕާނަށް އެޓަމް ބޮމް އެޅުމާއި ގުޅިގެންނެވެ.


ޖަޕާނަށް އެޓަމްބޮމް އެޅީ ކީއްވެ؟


މިއަދާ ހަމަޔަށް އައިއިރު ވެސް ދުނިޔޭގެ މީސްތަކުންގެ ހިތްތަކުގައި އެނބުރެމުންދާ ބޮޑު ސުވާލެއް އެބައޮތެވެ. އެ ސުވާލަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ޖަޕާނަށް އެޓަމް ބޮމް އެޅީ ކީއްވެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދުނިޔޭގެ ތާރީޚް ފޮތްތަކުގައި ލިޔެފައި އޮންނަ ގޮތަކީ ޖަޕާނުގެ އެކުވެރި ޖަރުމަނުވިލާތް ދެވަނަ ބޮޑު ހަނގުރާމައިގައި ބަލިވުމުން ވެސް ޖަޕާނުން އަމާންދިނުމަށް ދެކޮޅުހަދާފައި ވާތީ ކަމަށެވެ. އަދި އިތުރު ގިނަ ދުވަސްތަކަކަށް ހަނގުރާމަ ދެމިގެން ހިނގައްޖެނަމަ މަރުވާ މީހުންގެ އަދަދު މަތިވާނެތީ އަވަސް ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެންނަންވެގެން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއް ނޫނެވެ. ދުނިޔޭގެ މީސްތަކުންނަށް ދޮގުހެދުމާއި އޮޅުވާލުން އެއީ އެމެރިކާގެ ކަށީގައި ހިފާފައިވާ ކަމެކެވެ. ޖަޕާނަށް އެޓަމް ބޮމް އެޅިއިރު އެޤައުމުން ވަނީ އެމެރިކާ އަށް އަމާންދިނުމުގެ މަޝްވަރާތައް ފަށާފަ އެވެ. އޭރު އެމެރިކާއިން ވަނީ ޖަޕާނުގެ މެއިންލަންޑަށް (މައި ސަރަހައްދަށް) އެރުމަށްޓަކައި އޮކިނަވާ އަތުލާފަ އެވެ. ހަމައެކަނި އޮކިނަވާ ނަމަކަށް ކިޔުނު ޖަޒީރާ ދިފާއުކުރުމަށްޓަކައި ޖަޕާނުގެ އެއްލައްކަ ސިފައިން މަރުވެދިޔަ އެވެ. ދެން އެބުނަނީ ދެފަރާތުން ވެސް މަރުވާ މީހުންގެ އަދަދު މަދުކުރުމުގެ ބޭނުމުގައި ކަމަށެވެ. ހިރޯޝީމާ އަށް އެޓަމް ބޮމް އެޅުމުގެ ސަބަބުން މަރުވެދިޔަ މީހުންގެ އަދަދު ކިހާވަރެއް ކަމަށްތޯ އެވެ؟ 'ވަގުތުން' 140,000 (އެއްލައްކަ ސާޅިސްހާސް) މީހުން ފަނާވެ ދިޔަ އެވެ. މީގެ އިތުރުން ރޭޑިއޭޝަންގެ ސަބަބުން ކެންސަރުޖެހިގެންނާއި، ލުކީމިޔާ ޖެހިގެން 30 އަހަރު ވަންދެން މީހުން މަރުވަމުން ދިޔަ އެވެ. ހިރޯޝީމާ އަށް އެޓަމް ބޮމް އެޅިތާ ތިން ދުވަސް ފަހުން 9 އޯގަސްޓު 1945ގައި ޖަޕާނުގެ ނަގަސާކީ އަށް ވެސް އެމެރިކާއިން އެޓަމް ބޮމް އެޅީ އެވެ. މިބުރުގައި 80,000 (އަށްޑިހަހާސް) މީހުން މަރުވި އެވެ. ނަގަސާކީ އަށް އެޓަމް ބޮމް އެޅިކަން ދަންނަނީ ދުނިޔޭގައި މަދުބައެކެވެ. މިހިރީ މިކަމުގައި ހުޅަނގު ދުނިޔޭގެ މީޑިޔާތަކުން ކުޅެފައިވާ ނުބައި ރޯލެވެ. ނިޔުކްލިޔަ ހަތިޔާރުން ނުވަތަ ބޮމުން ޖަޕާނަށް ހަމަލާދިނުމުގެ ސަބަބުން ހަނގުރާމައިގައި މަރުވަމުންދިޔަ ކުށެއްނެތް މީހުންގެ އަދަދުވީ މަދުތޯ އެވެ؟ ނުވަތަ އިތުރުތޯ އެވެ؟ މިކަން ކިޔުންތެރިޔާގެ ވިސްނުމަށް ދޫކޮށްލަމެވެ.


ދެން ބަޔާންކުރެވޭތޯ މިއުޅެނީ އެމެރިކާއިން ޖަޕާނަށް އެޓަމް ބޮމް އެޅި އަސްލު ސަބަބެވެ. މިކަމުގައި މިއަދާހަމަޔަށް އައިއިރު ވެސް އެމެރިކާއިން ފޮރުވަން މަސައްކަތްކުރާ ދެ ޙަޤީޤަތެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ އެމެރިކާ އާއި ބާރުގެ ގޮތުން އެއްހަމަކުރަން ދުނިޔޭގައި މަސައްކަތްކުރަން އުޅޭ ހުރިހާ ޤައުމަކަށް އިންޒާރެއް ދިނުމެވެ. ޚާއްޞަކޮށް އެދުވަސްވަރު އުފެދިފައި އޮތް ސޯވިއެޓް ޔޫނިއަން ނަމަކަށް ކިޔުނު ބޮޑު ދައުލަތަށެވެ. މީގެއިތުރުން ހަތިޔާރުގެ ގޮތުން އެމެރިކާ އާއި އެއްފަދަ ބާރުހުރި ޤައުމެއް ދުނިޔޭގައި ނުވާކަން ދެއްކުމެވެ. ދެވަނަ ކަމަކީ ޖަޕާނު މީހުންނާއިމެދު އެމެރިކާ ގެންގުޅޭ ނަސްލީ ރުޅިވެރިކަމެވެ. ޖަޕާނަށް އެޓަމް ބޮމް އެޅުމުގެ ފަހަތުގައި ނަސްލީ ރުޅިވެރިކަން ވާކަން ދޭހަކޮށްދޭ ހެއްކަކީ ޖަރުމަނުވިލާތް އަމާންނުދީ ހަނގުރާމަކުރުމުގެ ސަބަބުން އެއްކޮށް ބަލިވެ، މުޅި ޤައުމު ސުންނާފަތިވިއިރު ވެސް އެޤައުމާއި ދެކޮޅަށް ނިޔުކްލިޔަ ހަތިޔާރު ބޭނުންކުރެވިފައި ނުވާތީ އެވެ. އެހެނީ އިނގިރޭސި ދަރިކޮޅު ފެށިގެން އައިސްފައި ވަނީ ޖަރުމަން ނަސްލުންނެވެ. އޭރުވެސް އަދި މިއަދުވެސް އެމެރިކާގެ ވެރިކަމުގެ ބާރުތަކަށް ބޮޑަށް އަތްގަދަކޮށްފައި ވަނީ އިނގިރޭސި ނަސްލުގެ މީހުންނެވެ. އެދުވަސްވަރު އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަކަށް މަދަނީ ޙައްޤުތަކެއް ވެސް ނުލިބެ އެވެ. ވަކި ފެންވަރެއްގެ ވަޒީފާތައް އޮންނަނީ ހަމައެކަނި ޔޫރަޕް ނަސްލުގެ ދޮން މީހުންނަށް ނުނީ ނުލިބޭގޮތަށެވެ. ދޮން މީހުންގެ ދަރީން ކިޔަވަންދާ ސްކޫލްތަކަށް ކަޅުމީހުންގެ ދަރީން ވެއްދުމުގެ ހުއްދައެއް ނޯވެ އެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޢާންމުން ދަތުރުކުރާ ބަސްތައް ވެސް އޭރު ވަނީ ދޮން މީހުންނާއި ކަޅު މީހުން ވަކިން ތިބެންޖެހޭގޮތަށް ދެބަޔަކަށް ފަރުމާކުރެވިފަ އެވެ. މިއީ މާ ދުރު މާޒީއެއްގައި އެމެރިކާއިން ހިންގާފައިވާ ނަސްލީ ތަފާތުކުރުންތަކެއް ނޫނެވެ. މިކަންކަން ލޮލުން ދެކުނު މީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ޖަޕާނު މީހުންނަކީ ދޮން މީހުން ކަމުގައި ވިޔަސް އެމީހުން ޔޫރަޕްގެ ދޮން މީހުންނާއި ޖިސްމާނީގޮތުން ތަފާތެވެ.


ނިޔުކްލިޔަ ބާރުތަކުން އެންޕީޓީ މުޢާހަދާގައި ސޮއިކުރުން:


ސޯވިއެޓް ޔޫނިއަން (ރަޝިޔާ) އަށް ނިޔުކްލިޔަ ހަތިޔާރު އުފެއްދުނީ އޯގަސްޓް 1949ގައެވެ. އެއަށްފަހު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ މިނުރައްކާތެރި ހަތިޔާރު އުފައްދާފަ އެވެ. ޗައިނާ އަށް ނިޔުކްލިޔަ ހަތިޔާރު އުފެއްދޭވަރުވީ އޮކްޓޯބަރ 1964ގައެވެ. އެމެރިކާ އާއި ލައިގެން މި ފަސް ޤައުމަކީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ ދާއިމީ ފަސް މެންބަރުންނެވެ. ނިޔުކްލިޔަ ހަތިޔާރު ދުނިޔެއަށް ފެތުރުން މަނާކުރާ މުޢާހަދާގައި (NPT) ވާގޮތުން މި ފަސް ޤައުމަކީ ނިޔުކްލިޔަ ބާރުތައްކަމަށް ބަލައިގެންފައި ވެއެވެ. މިޤައުމުތަކަށް ވެސް އެހެނިހެން ޤައުމުތަކަށް ނިޔުކްލިޔަ ހަތިޔާރު އުފައްދާނެ ގޮތް ބުނެދިނުމާއި، އެކަމުގައި އެހީތެރިވުން މަނާކުރެ އެވެ. މި މުޢާހަދާގައި ސޮއިކުރުމަށް ޖުލައި 1968ގައި ހުޅުވާލެވުނު ފަހުން މިހާތަނަށް 191 ޤައުމަކުން ސޮއިކޮށްފައި ވެއެވެ. ނިޔުކްލިޔަ ހަތިޔާރު މިހާރުހުރި ހަތަރު ޤައުމަކުން މި މުޢާހަދާގައި ސޮއިކުރުމަށް އިންކާރުކޮށްފައި ވެއެވެ. އެ ޤައުމުތަކަކީ އިންޑިޔާ، ޕާކިސްތާން، އިޒްރޭލް އަދި އުތުރުކޮރެޔާ އެވެ. މީގެ ތެރެއިން އިންޑިޔާ، ޕާކިސްތާން އަދި އުތުރުކޮރެޔާ ވަނީ ފާޅުގައި ނިޔުކްލިޔަ ހަތިޔާރު ޓެސްޓްކޮށް އެބާވަތުގެ ހަތިޔާރު ހުރިކަމަށް އިޢުލާންކޮށްފަ އެވެ. އިޒްރޭލުން ހިންގަމުންދާ ނިޔުކްލިޔަ ހަތިޔާރުގެ ޕްރޮގްރާމް ވަނީ ދުނިޔެއަށް ސިއްރުކޮށްފަ އެވެ. ނަމަވެސް އެ ޤައުމުގައި ބޮޑަތި ގެއްލުންދެނިވި ނިޔުކްލިޔަ ހަތިޔާރު ހުރިކަން އެއީ އެންމެން ދަންނަ 'ބޮޑު ސިއްރެކެވެ.' އިންޑިޔާ އާއި ޕާކިސްތާނުގެ މާކުރިން އިޒްރޭލް ވަނީ ނިޔުކްލިޔަ ހަތިޔާރު އުފައްދާފަ އެވެ. މިކަމުގައި އެމެރިކާގެ އެއްބާރުލުން އިޒްރޭލަށް ލިބިފައިވާ ކަމަށް ދުނިޔޭގެ އެތައްބަޔަކު ޤަބޫލުކުރެ އެވެ. މިއަދު އިޒްރޭލް އަތުގައި 200 ނިޔުކްލިޔަ ބޮން ނުވަތަ މިސައިލް ވާކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މި ނިޔުކްލިޔަ ހާޖާނުގަނޑުގައި ހިނގާފައިވާ އަނެއް ހެއްވާ ކަމަކީ އުތުރުކޮރެޔާ އެން.ޕީ.ޓީ މުޢާހަދާގައި ކުރިން ސޮއިކޮށްފައި ވާކަމެވެ. ނަމަވެސް ތަކުރާރުކޮށް އެ މުޢާހަދާ އާއި ޚިލާފުވަމުން ގޮސް އެންމެފަހުން 2003ވަނަ އަހަރު އޭގެން އެއްކޮށް ވަކިވީ އެވެ.


މިދުވަސްވަރު ދުނިޔޭގެ ޚަބަރުތަކުގައި އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ އީރާނުން ނިޔުކްލިޔަ ހަތިޔާރު އުފައްދަން އުޅޭކަމުގެ ވާހަކަ އެވެ. އީރާނުން ވަނީ ކުރިން އެން.ޕީ.ޓީގައި ސޮއިކޮށްފަ އެވެ. ނަމަވެސް އޭގެފަހުން އީރާނަށް އިސްލާމީ އިންޤިލާބެއް ގެނެވިފައި ވާތީ އެޤައުމުން އެއަށް އަމަލުނުކުރާނެކަމަށް އެމެރިކާ އާއި އިޒްރޭލުން ތުހުމަތުކުރަމުން ދެއެވެ. ނިޔުކްލިޔަ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާގައި ސޮއިކުރުމުން މައިގަނޑު ތިން ކަމަކަށް އެއްބަސްވެވެއެވެ. އެ ތިން ކަމަކީ ނިޔުކްލިޔަ ސިއްރުތައް އެހެން ޤައުމަކަށް ނުވަތަ ބަޔަކަށް ބުނެނުދިނުމާއި، ހަތިޔާރު މަދުކުރުމަށް އެއްބަސްވުމާއި، ޞުލްޙަވެރި އިޤްތިޞާދީ ބޭނުންތަކަށް ނިޔުކްލިޔަ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ލިބުމެވެ. މިގޮތުން ޞުލްހަވެރި ބޭނުންތަކަށްޓަކައި ނިޔުކްލިޔަ ހަކަތަ އުފެއްދުމަކީ އީރާނަށް ވެސް ލިބިދޭ ޙައްޤެކެވެ. ބައިނަލްއަޤުވާމީ އެޓަމިކް ޙަކަތަ އާއި ބެހޭ އެޖެންސީގެ (IAEA) މަސައްކަތަކީ ޤައުމުތަކުން ޞުލްޙަވެރި ބޭނުންތައް ނޫން ކަމަކަށް، ޚާއްޞާކޮށް ޢަސްކަރީ ބޭނުންތަކަށް އެޓަމިކް ޙަކަތަ ބޭނުންކުރޭތޯ ބަލައި ފާރަލުމެވެ. މިގޮތުން އެން.ޕީ.ޓީގައި ސޮއިކޮށްފައިވާ ޤައުމުތައް އައި.އޭ.އީ.އޭ އިން ބަލައި ފާސްކުރުމުގެ ހުއްދަ އޮންނަންޖެހެ އެވެ. ޕާކިސްތާނުން އެޤައުމުގެ އެންމެ ފުރަތަމަ ނިޔުކްލިޔަ ޓެސްޓްތައް ކޮށްފައިވަނީ 1998ގެ މެއިމަހުގެ ތެރޭގަ އެވެ. އެއީ އިންޑިޔާއިން އެބައިމީހުންގެ ހަތިޔާރުތައް ޓެސްޓްކުރިތާ ދެތިން ހަފްތާ ފަހުންނެވެ. މިކަމާހުރެ އެދުވަސްވަރު މި ދެޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެގެން ދިޔަ އެވެ. މީގެ މާކުރިން 1974ވަނަ އަހަރު އިންޑިޔާ ވަނީ ނިޔުކްލިޔަ ބޮމެއް ތަޖުރިބާކޮށްފަ އެވެ. އިންޑިޔާއިން ކުރާ ނިޔުކްލިޔަ ޓެސްޓްތަކަކީ ހުޅަނގު ދުނިޔޭގެ ޤައުމުތަކުން ބިރެއްކަމަކަށް ނުދެކެ އެވެ. ނަމަވެސް ޕާކިސްތާނަށް ނިޔުކްލިޔަ ސިއްރުތައް އެނގުނު ހިސާބުން އިންޒާރުގެ ރަނގަބީލުޖެހެން ފަށައިފި އެވެ. އޭރު ޕާކިސްތާނުން އެފަދަ އެއްވެސް ހަތިޔާރެއް އަދި އުފައްދާފައެއް ނުވެ އެވެ.


މުސްލިމުން ނިޔުކްލިޔަ ހަތިޔާރު އުފައްދަން ފަށާފާނެކަމުގެ ބިރު:


މިއަދު މުޅި ދުނިޔޭގައި 25000 އަށް ވުރެ ގިނަ ނިޔުކްލިޔަ މިސައިލް ވޯހެޑް ނުވަތަ ބޮން އުފައްދާފައި އެބަހުރި ކަމުގައި ވެއެވެ. މިތަކެތީގެ 95 އިންސައްތަ ވަނީ ދެ ޤައުމެއްގަ އެވެ. އެއީ އެމެރިކާ އާއި ރަޝިޔާގަ އެވެ. ދުނިޔޭގެ 40 ޤައުމެއްގައި ނިޔުކްލިޔަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ 3000 ޓަނުގެ މާއްދާ (fissile material) އެބަހުއްޓެވެ. މިތަކެތި ބޭނުންކޮށްގެން އަދި އިތުރު 250,000 (ދެލައްކަ ފަންސާސްހާސް) ނިޔުކްލިޔަ ބޮން އުފެއްދިދާނެ އެވެ. މިހެންކަމުން މިއީ ކަންބޮޑުވާންޖެހޭ ފަދަ ބޮޑު މައްސަލައެކެވެ. ދުނިޔޭގައި މިހާތަނަށް އިންސާނުންނާއި ދެކޮޅަށް ނިޔުކްލިޔަ ހަތިޔާރު ބޭނުންކޮށްފައިވާ ހަމައެކަނި ޤައުމަކީ އެމެރިކާ އެވެ. ފުރަތަމަ އެމެރިކާއިން މިފަދަ ހަތިޔާރެއް ބޭނުންކުރީ ޖަޕާނުގެ އާންމު ރައްޔިތުންނާ ދެކޮޅަށެވެ. އެއަށްފަހު ޢިރާޤުގެ ރައްޔިތުންނާއި ދެކޮޅަށް 'ޑިޕްލީޓެޑް ޔޫރޭނިއަމް' އެކުލެވޭ ޝެލްސް ނުވަތަ އުންޑަތައް ބޭނުންކޮށްފައި ވެއެވެ.


އެޓަމިކް ހަތިޔާރުން ފަސޭހަކަމާއިއެކު ދުރުތަންތަނަށް ހަމަލާދެވެން އަންނަނީ މިސައިލް ޓެކްނޮލޮޖީ ވެސް ތަރައްޤީކޮށްގެންނެވެ. އެހެނީ އެޓަމިކް ބޮމެއް ހިފައިގެން ދަތުރުކުރާ ފައިޓަރ ޖެޓް މަތިންދާބޯޓަކަށް ސީދާ އޭގެ އަމާޒަށް ވާސިލުވުމުގެ މާބޮޑު ޔަޤީންކަމެއް ނޯންނާތީ އެވެ. މިސައިލްތަކުގައި ނިޔުކްލިޔަ ވޯހެޑް ހަރުކުރުމުން ދުޝްމަނުންނަށް މާބޮޑު ސިހުމެއްލިބި ބިރުގަންނަ ގޮތް ވެއެވެ. އެއީ މިސައިލްތަކުން ދިފާއުކޮށްދޭން އުފައްދާފައިވާ ނިޒާމްތަކަކީ މިހާތަނަށް ބަރާބަރު އެއްޗެއް ކަމުގައި އަދި ނުވާތީ އެވެ. މިއަދު ޕާކިސްތާނާއި އީރާނުން ވަނީ ވަކިވަރެއްގެ ދުރު ރާސްތާ މިސައިލްތައް ކާމިޔާބުކަމާއިއެކު ޓެސްޓްކޮށްފަ އެވެ. މިހާރު އީރާނު އަތުގައި ހުރި މިސައިލްތައް ޔޫރަޕާއި ހަމަޔަށް ފޯރަ އެވެ. މިހެންކަމުން އީރާނަށް ނިޔުކްލިޔަ ހަތިޔާރުގެ ޤާބިލްކަން ލިބިދާނެތީ އެކަމާއި އެންމެ ބިރުން އުޅޭ ބަޔަކީ އިޒްރޭލްގެ ޔަހޫދީންނެވެ. ފަލަސްޠީނު މީހުންގެ ބިން ފޭރިގަނެގެން އުފައްދާފައިވާ ޔަހޫދީ ދައުލަތް ދެމިއޮތުމުގެ އެންމެ ބޮޑު ބާރެއްކަމުގައި ވަނީ މެދުއިރުމަތީގައި އޮތް އެންމެހައި ޢަރަބި ޤައުމުތައް ބިރުގަންނަވާފައި ބޭތިއްބުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޢަރަބި އެއްވެސް ޤައުމަކަށް ކާރި މުސްތަޤުބަލެއްގައި ނިޔުކްލިޔަ ހަތިޔާރުގެ ޤާބިލްކަން ލިބުމަކީ އަދި ފެންނަން އޮތްކަމެއް ނޫނެވެ. ނަމަވެސް މެދުއިރުމަތީގައިވާ ޢަރަބި ނޫން މުސްލިމް ޤައުމުތަކުގެ ތެރެއިން އީރާނަށާއި ތުރުކީވިލާތަށް ކުރިޔަށް އޮތް ދިހަ އަހަރު ތެރޭގައި މިކަން ހާސިލްކުރެވިދާނެ އެވެ. މިކަން އެ ދެޤައުމުން ހާސިލްކޮށްފިނަމަ ޔަހޫދީންގެ ބިރުވެރި ހުވަފެން ޙަޤީޤަތަކަށްވީ އެވެ.


ނިޔުކްލިޔަ ހަތިޔާރަކީ ހަނގުރާމައިން ނަޞްރުހޯދައިދޭ އެއްޗެއް ނޫން:


ނިޔުކްލިޔަ ހަތިޔާރު މަދުކުރަމުން ގޮސް އެންމެފަހުން އެތަކެތި ދުނިޔެއިން އެއްކޮށް ނައްތާލަން ބޭނުންވާކަމަށް އެމެރިކާ ދައްކާ ވާހަކަތަކަކީ ހަމަމުޅިންހެން ހުސް ވައި އަނގަތެޅުމެކެވެ. އެމެރިކާއިން މިކަމުގައި ރަޝިޔާ އާއި ވާހަކަތައް ދައްކަން ފަށާފައި ވަނީ 1990ގެ އަހަރުތަކުގަ އެވެ. އެހެނީ މިފަދަ ހަތިޔާރުތަކަކީ ވަރަށް ބޮޑަށް ބަލަހައްޓައި، އިތުރަށް ތަރައްޤީކޮށް ހަދަންޖެހޭ ތަކެއްޗެވެ. މިކަމުގެ ޚަރަދުތައް ބޮޑުކަމުން އެތަކެތި މަދުކުރަން މަޖުބޫރު ވާތީ ރަޝިޔާ އަށް ވަސްވާސްދީގެން ދެބައިމީހުން އެއްބާރުލައިގެން ކުރާކަމެއްގެ ގޮތުގައި ދުނިޔެ އަށް ދައްކުވައިގެން އެމެރިކާގެ ހަތިޔާރުތައް ކުޑަކޮށް މަދުކޮށްލުމުގެ ބޭނުމުގަ އެވެ. ސޯވިއެޓް ޔޫނިއަން ރޫޅުމާއި ގުޅިގެން އެމެރިކާއިން އެބައިމީހުންގެ އެތަކެއް ޢަސްކަރީ މަރުކަޒުތައް ވަރަށް ކުއްލިގޮތަކަށް ބަންދުކުރީ ވެސް ދެންހަމަ އެނޫން އެހެންގޮތެއް ނެތިގެންނެވެ. އެދުވަހުން ފެށިގެން މިހާތަނަށް ވެސް އެމެރިކާ އަކީ ބާރުގެ ގޮތުން ފައްޖެހި ކުރުގެޅެމުންދާ ދައުލަތެކެވެ. އެމެރިކާއިން ކުރާ ޚަރަދުތަކާއި އެއްވަރަށް ޢަސްކަރީ ޤާބިލްކަން އިތުރެއް ނުވެ އެވެ.


މިއަދު ދުނިޔޭގެ އެތަކެއް މުފައްކިރުންގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެއް އެބައޮތެވެ. އެއީ ދުނިޔޭގައި އެމެރިކާ އެކި ދުވަސްވަރުމަތިން ކުރަމުން އަންނަ ހަނގުރާމަތަކުގެ ނަތީޖާ ކަނޑައެޅުމުގައި ނިޔުކްލިޔަ ހަތިޔާރު އަތުގައި ހުރުމުގެ ފައިދާއަކީ ކޮބައިތޯ ބުނެ ކުރެވޭ ސުވާލެވެ. ފަހުގެ ތާރީޚުން އެނގި ސާބިތުވާން އޮތީ ނިޔުކްލިޔަ ހަތިޔާރަކީ އެމެރިކާގެ މަޤުޞަދުތައް ހާޞިލްކޮށްދޭ އެއްޗެއް ނޫންކަމެވެ. އެޓަމިކް ނުވަތަ ނިޔުކްލިޔަ ހަތިޔާރު ކިތަންމެ ގިނައިން އަތުގައި ހުއްޓަސް އެއީއަކީ ހަނގުރާމަތަކުގައި ނަޞުރު ހޯދައިދޭ އެއްޗެއް ވެސް ނޫންކަމެވެ. މިސާލުތަކެއް ބަޔާންކުރާނަމަ، އެމެރިކާ ވަނީ ވިއެޓްނާމް ހަނގުރާމައިގައި ހިތިގޮތަކަށް ބަލިވެގެން ގޮސްފަ އެވެ. ސޯމާލިޔާގައި ވެސް އެމެރިކާ ބަލިވެގެން ދިޔަ އެވެ. އަފްޣާނިސްތާނުގައި ރަޝިޔާ ސިފައިން ވަނީ ބަލިވެގެން ގޮސްފަ އެވެ. ލުބުނާންގައި އިޒްރޭލް ވެސް ވަނީ ބަލިވެގެން ގޮސްފަ އެވެ. މިއަދު ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންދާ ހަނގުރާމައިގައި ވެސް ކާމިޔާބު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ޚާއްޞަކޮށް އަފްޣާނިސްތާނަކީ އެމެރިކާއަށާއި އިނގިރޭސިވިލާތަށްވާ މަރުގެ ދަންތުރައެއް ފަދަ ތަނެކެވެ. ނޭޓޯގެ ގުޅިފައިވާ ފައުޖުތަކުން 16 އަހަރު ވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަކުރިއިރު ވެސް ލިބުނު ކުރިއެރުމެއް ނެތެވެ. ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑު އަގެއް ދައްކަން މަޖުބޫރުވެފައި ވެއެވެ. އެމެރިކާއިން މަރުވަމުންދާ ސިފައިންގެ އަދަދު އެކަންޏެއް ނޫނެވެ. މިހަނގުރާމަ އާއި ހުރެ އެމެރިކާގެ އެތަކެއް އެކުވެރި ޤައުމުތައް ވަނީ ބީވެގެން ގޮސްފަ އެވެ. ކުރިން އެ ހަނގުރާމަތަކުގައި ބައިވެރިވި އެތަކެއް ޤައުމުތައް ވަނީ އެމެރިކާއަށް އެހީތެރިވުމަށް ފަހުން ދެކޮޅުހަދާފަ އެވެ. މީގެ އިތުރުން އެންމެ ބޮޑު ކަމަކީ ހަނގުރާމައަށް ޚަރަދުކުރަމުން ގޮސް މިހާރު މުޅި އެމެރިކާގެ މާލިއްޔަތު ބަނގުރޫޓުވުމާއި ގާތްވެފައި ވުމެވެ.


މިއަދު އެމެރިކާގެ ޢަސްކަރީ ބަޖެޓް ކިހާވަރެއް ކަމަށްތޯ އެވެ؟ އަހަރަކު 550 ބިލިޔަން ޑޮލަރަށްވުރެ އިތުރެވެ. މިއީ 50 ޤައުމެއްގެ ޢަސްކަރީ ބަޖެޓް އެއްކޮށްލީމާ ވާވަރަށްވުރެ ވެސް ބޮޑު އަދަދެކެވެ. މި ފަންސާސް ޤައުމުގެ ތެރޭގައި ރަޝިޔާ އާއި ޗައިނާ ވެސް ހިމަނައިގެންނެވެ. މިހާ ބޮޑު އަދަދުތަކެއް އެމެރިކާގެ ޢަސްކަރިއްޔާ އަށް ހޭދަކޮށްގެން ވެސް ހަނގުރާމައިގައި ނަޞުރު ނުހޯދޭނަމަ ނިޔުކްލިޔަ ހަތިޔާރުތަކުގެ ފައިދާއަކީ ކޮބައިތޯ އެވެ؟ މިއަދުގެ ދުނިޔޭގައި އެމެރިކާ އެންމެ ބާރުގަދަ ޤައުމެއްގެ ގޮތުގައި އޮތްކަމުގައި ވިޔަސް އެމެރިކާދެކެ ދުނިޔޭގެ ޤައުމުތަކުން ޖެހިލުންވާ މިންވަރު ފާއިތުވީ ފަސްއަހަރެއްހައި ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ދަށަށް ގޮސްފައި ވެއެވެ. މިހެންވާން ޖެހުނު މައިގަނޑު ސަބަބަކީ 'ޓެރަރިޒަމް' ހުއްޓުވުމުގެ ނަމުގައި ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންދާ ހަނގުރާމައިން އެދެވޭ ކާމިޔާބެއް ލިބެމުން ނުދާން ފެށުމުންނެވެ. އިނގިރޭސިވިލާތް ފިޔަވައި ޔޫރަޕްގެ ޤައުމުތަކުން ވެސް އެމެރިކާ ބޭނުންވާހައި ކަމަކަށް އެއްބާރުލުން ދޭން ވަނީ ދެކޮޅު ހަދާފަ އެވެ. ޔޫރަޕްގެ ގިނަ ޤައުމުތައް ނޭޓޯގައި ބައިވެރިވެގެން ތިބީ އަކީ ޢަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހަމައެކަނި އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރާކަށް ނޫނެވެ. އެމެރިކާދެކެ ދުނިޔޭގެ ޤައުމުތަކުން ޖެހިލުންވެ ބިރުގަތުން ކުޑަވާންފެށި ސަބަބުތަކުގެ ތެރޭގައި އެންމެ އިސްކޮށް އޮތީ ޢިރާޤާއި އަފްޣާނިސްތާނުގެ ދަންތުރައިގައި އެމެރިކާ ޖެހި ހަނގުރާމަކުރަމުން ދާންޖެހިފައި ވާތީ އެބީދައިން އެހެން ޤައުމަކަށް އަރައިގަތުމަކީ އެމެރިކާއަށް ކުރެވޭވަރުގެ ކަމަކަށް މިހާރު ނުވާތީ އެވެ. އެމެރިކާގެ އަތަކު އަނެއްކާ އިތުރު ހަނގުރާމައަކަށް ނުވަތަ ޢަސްކަރީ ހަމަލާތަކަކަށް ޚަރަދުކުރާކަށް ފައިސާއެއް ނެތެވެ. ދާދި ފަހަކުން އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރު އެތަކެއް ފަހަރު އެމެރިކާއިން ދިނެވެ. ނަމަވެސް ހަމަލާދޭން ނުކެރުނީ ކީއްވެތޯ އެވެ؟ މިކަމުގައި މަތީގައި ބަޔާންވެ ދިޔަ ސަބަބުތަކުގެ އިތުރުން އަދި އެތައްކަމެއް ހިމެނިގެން ވެއެވެ. ދެން އެމެރިކާ އަށް އޮތް ގޮތަކީ އިޒްރޭލްލައްވާ އީރާނަށް ބޮން އެޅުމެވެ. މިކަމުގެ ނަތީޖާ އެމެރިކާ އަށް ފެންނަން އޮތީ އަދި މާ ހިތިގޮތަކަށެވެ. އެހެނީ ޔަހޫދީންނާއި ހިނގާ ކުރިމަތިލުމެއްގައި މުޅި އިސްލާމީ ދުނިޔޭގެ ޙަމްދަރުދީ އީރާނަށް ލިބިގެން ހިނގައިދާނެތީ އެވެ. އެހާ ހިސާބުން އެމެރިކާއިން އީރާން ދުނިޔެއާއި އެކަހެރިކުރަން އުޅޭއުޅުން ފަނުފުލުންދިޔައީ އެވެ. އަނެއްކޮޅުން އިޒްރޭލަކީ އެމެރިކާގެ ގައިގައި ތަތްކޮށްލައިގެން އުޅޭ ލޭބޯ ފަންޏެއްފަދަ ޤައުމެކެވެ. މިހާރުވެސް އަހަރަކު 3000 މިލިޔަން ޑޮލަރު ހިލޭއެހީގެ ގޮތުގައި އެމެރިކާއިން އިޒްރޭލަށް ދޭންޖެހެ އެވެ. އިޒްރޭލުން އީރާނާއި ޢަސްކަރީ ކުރިމަތިލުމެއް ފަށައިފިނަމަ މިދޭންޖެހޭ އަދަދު ތިންގުނަ އަށް މައްޗަށް ދާނެ އެވެ. އެމެރިކާ މިފައިސާ ނެރޭނީ ކޮންތާކުން ހެއްޔެވެ؟


11/9ގެ ހަމަލާއަކީ އީރާނުން ހިންގިކަމެއް ނޫން:


މިއަދު އެމެރިކާގެ އަތުގައި10,000 ނިޔުކްލިޔަ ވޯހެޑް އެބަހުއްޓެވެ. މީގެ ބޭނުމެއްކަމުގައި ބުނެ އުޅެނީ އެމެރިކާ އަށް ހަމަލާއެއް ދިނުމަށް ވިސްނާފާނެ ބަޔަކަށް ހުރި އިންޒާރެއްގެ ގޮތުން ކަމަށެވެ. މިސައިލްތަކުން ދިފާއުވާނެ ނިޒާމްތައް ހުރުމާއެކުވެސް 2001 ސެޕްޓެމްބަރ 11ގެ ހަމަލާ ނުހުއްޓުވުނެވެ. އެހެނީ ހަމަލާދީފައި ވަނީ އެހާތަނަށް އެމެރިކާ ހީވެސްނުކުރާފަދަ ގޮތަކަށެވެ. އެ ހަމަލާ އެމެރިކާ އަށް ދިން ބަޔަކު ދީފައިވަނީ ނިޔުކްލިޔަ ހަތިޔާރުން ނޫންކަމުގައި ވިޔަސް ދެވުނު ގެއްލުން ކުޑައެއް ނޫނެވެ. އެކަމާއި ހުރެ އެމެރިކާގެ އަތުން އެތައް ބިލިޔަން ޑޮލަރެއް ވަނީ ބޭކާރުގޮތުގައި ޚަރަދުވެގެން ގޮސްފަ އެވެ. އަދި މިހާރުވެސް ދަނީ ޚަރަދުވަމުންނެވެ. ސެޕްޓެމްބަރ 11ގެ ހަމަލާގައި މަރުވެދިޔަ މީހުންނަށްވުރެ މާ ގިނަ ސިފައިން ވަނީ އެމެރިކާއިން މަރުވެ ގޮސްފަ އެވެ. 'ޓެރަރިޒަމް' ހުއްޓުވުމުގެ ނަމުގައި އެމެރިކާ ފެށި ހަނގުރާމަތަކެއްގެ ސަބަބުންނެވެ. މިއީ އެމެރިކާ އަށް އެޅުނު ވަރަށް ބޮޑު ޅައެއްޗެއްކަމަށް ވިސްނުންތެރީން ބުނަމުން ދެއެވެ. މިހެންކަމުން 11/9ގެ ހަމަލާއިން އެމެރިކާ އަށް ލިބުނު ގެއްލުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.


އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އެޤައުމުގެ އަމުރުވެރިކަމަށް ދުނިޔޭގައި ގޮންޖަހާފާނެ ޤައުމުތަކުގެ ތެރޭގައި އޮތް ހަމައެކަނި އިސްލާމީ ޤައުމަކީ އީރާނެވެ. މިހެންކަމުން ކޮންމެފަދަ އަގެއްދީގެން ނަމަވެސް ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން އީރާން ހޯދަމުންދާ ކުރިއެރުން ހުއްޓުވަން އެބަޖެހެ އެވެ. ބިރުދައްކައިގެން މިކަން ހާޞިލު ނުވެއްޖެނަމަ އީރާނުގެ ވެރީންނަށް ރިޝްވަތުދީގެން ނަމަވެސް މިކަން ކުރަންޖެހެ އެވެ. މިގޮތުން ވެސް މިކަން ނުވެއްޖެ ނަމަ އީރާނުގެ އެތެރޭގައި ފިތުނަ އުފައްދައިގެން ނަމަވެސް މިކަން ކުރަންޖެހޭނެ އެވެ. މިކަމަށްޓަކައި އެމެރިކާއިން އެތައް މިލިޔަން ޑޮލަރެއް ޚަރަދުކުރަމުން ދެއެވެ. އީރާނުގެ އެތެރެ ފަސާދަކޮށް ފިތުނަވެރި ކުރުމަށްޓަކައި އެމެރިކާ އާއި އިނގިރޭސިން ފައިސާ ޚަރަދުކޮށްގެން ފާރިސީ ބަހުން 40 ޗެނަލް އެޤައުމަށް ބުރޯޑްކާސްޓްކުރަމުން ދެއެވެ. މިފަހަކުން އީރާނުގެ ރިޔާސީ އިންތިޚާބާއި ގުޅުވައިގެން އެޤައުމުގެ އެތެރޭގައި ހިންގުނު ހަމަނުޖެހުމުގެ އަޑީގައި ތިބީ އެމެރިކާ އާއި އިނގިރޭސިންނެވެ. ތެހެރާންގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުންގެ ބަޔާންތަކުން މިހާރު މިކަން ވަނީ ސާބިތުވެފަ އެވެ. އީރާނަށްވުރެ ވެސް ބޮޑަށް އެމެރިކާ ހަނގުރާމަކުރަން ބޭނުންވެގެން އުޅެނީ އަލްޤާޢިދާ އާއި އެވެ. ސަބަބަކީ އެމެރިކާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކެހި ލިބިފައި ވަނީ އަލްޤާޢިދާގެ ފަރާތުން ކަމުގައި އެމެރިކާ ޤަބޫލުކުރާތީ އެވެ. ނަމަވެސް އަލްޤާޢިދާ އަކީ ވަކި ޤައުމެއް ނޫނެވެ. މިހެންކަމުން އަލްޤާޢިދާ ވަނީ ކޮންތާކު ހެއްޔެވެ؟ އެމެރިކާ ތުހުމަތުކުރާ ގޮތުގައި ޢަލްޤާޢިދާ އަށް ނިސްބަތްވާ މީހުން އެންމެ ގިނައިން އުޅެނީ އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދުތަކުގަ އެވެ. ނަމަވެސް މިއީ އަލްޤާޢިދާގެ އެކުވެރި ޠާލިބާން ހަނގުރާމަވެރިން އުޅޭ ސަރަހައްދުތައް ކަމަށް ގިނަ މީހުން ޤަބޫލުކުރެ އެވެ. އަލްޤާޢިދާ އާއި ހަނގުރާމަކުރެވޭނީ އެއީ ކޮންބައެއްކަމާއި އެބަޔަކު އުޅޭތަނެއް ވެސް އެނގިގެންނެވެ. ވީމާ ޢަލްޤާޢިދާ އާއި ހަނގުރާމަކުރުމަށް އެމެރިކާ ނުކުޅެދިފައިވާ އެންމެ ބޮޑު ސަބަބަކީ މިއެވެ.


ނިޔުކްލިޔަ ހަތިޔާރު ހުރުމުން ދުޝްމަނުން ބިރުގަނޭ:


އެމެރިކާއިން 2003 މާޗްގައި ޢިރާޤަށް ހަމަލާދޭން ކެރުނީ ކީއްވެ ހެއްޔެވެ؟ އެކަން ކުރަން އެމެރިކާ އުޅުނުއިރު މުޅި ދުނިޔެ ކަހަލަ ގޮތަކަށް އެކަމާއި ދެކޮޅުހަދަމުން ދިޔަ އެވެ. އޭރު އެމެރިކާއިން ޢިރާޤާއިމެދު ތުހުމަތުކުރަމުން ދިޔައީ ބޮޑަތި ގެއްލުންދީ ތަންތަން ފަނާކުރާ ހަތިޔާރު ފޮރުވައިގެން އުޅޭ ކަމަށެވެ. މިހުރިހާ ޕްރޮޕެގެންޑާއެއް އެމެރިކާ ފަތުރަމުން ދިޔައިރު ވެސް ޢިރާޤުގައި އެފަދަ ހަތިޔާރުތައް ނެތްކަން އެމެރިކާ ދަނެ އެވެ. ސުވާލަކީ އޭރު ޢިރާޤުގައި ނިޔުކްލިޔަ ހަތިޔާރު ހުރިނަމަ އެމެރިކާ އަށް އެ ޤައުމަށް ހަމަލާދޭން ކެރުނީސް ހެއްޔެވެ؟ މީގެ ޖަވާބަކީ ނޫނެކެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދުދެވޭނެ ފަދަ ނިޔުކްލިޔަ ބާރަކަށް ޢިރާޤު ވީނަމަ އެގޮތަށް އެޤައުމަކަށް އަރައިގަންނާކަށް ނުކެރުނީހެވެ. އުތުރު ކޮރެޔާއިން އެން.އެން.ޕީ.ޓީ މުޢާހަދާއިން ވަކިވެ، އަވަސްގޮތަކަށް ނިޔުކްލިޔަ ހަތިޔާރު ޓެސްޓްކޮށް ހެދުމުން އެމެރިކާ އަށް އެޤައުމަކަށް އަރައިގަންނާކަށް ނުކެރުނެވެ. މިހެންވީމައި ބުނަންޖެހެނީ ނިޔުކްލިޔަ ހަތިޔާރުގެ ފައިދާތަކެއް ވެސް އެބަހުރިކަމުގަ އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ. މިގޮތުން ޢުދުވާނީ ހަމަލާތަކުން ޤައުމު ރައްކާތެރިކޮށްފައި ބޭއްވުމެވެ.


އެމެރިކާއިން މިހާރު އެތަކެއް ގުނަ ބާރުގަދަ ކޮންވެންޝަނަލް ހަތިޔާރު އުފައްދަމުން އެބަދެއެވެ. މީގެ އެއް ވައްތަރަކީ ބޮމެކެވެ. އެ ބޮން އެޅުމުން ބިންގަނޑު ތޮރުފާލާފައި ގޮސް ބިމު އަޑީގައި ހަދާފައި ހުންނަ ބިންގަރާސްތައް ހަލާކުކޮށްލަ އެވެ. މިގޮތުން ބިމުއަޑީގައި ހަދާފައި ހުންނަ ނިޔުކްލިޔަ ތަހުލީލުތައްކުރާ ތަންތަން ސުންނާފަތިކޮށްލަ އެވެ. އެމެރިކާއިން ގެންގުޅޭ ހަމައެއްލަމައެއް ނެތް ސިޔާސަތުގެ ދަށުން މި އައު ހަތިޔާރު އެޤައުމުން ބޭނުންކުރާނެކަން ޔަޤީންކުރެވެ އެވެ. އެމެރިކާއިން މިފަދަ ހަތިޔާރެއް ބޭނުންކޮށްފި ނަމަ އެއީ އެހެންބަޔަކު ނިޔުކްލިޔަ ހަތިޔާރު ބޭނުންކުރަން އޮތް ބަހަނާއެއް ނޫނެވެ. މިހާރުވެސް ދުނިޔޭގައި ހަތިޔާރުގެ ބިރުވެރިކަން ވަނީ ނުރައްކާތެރި ފައްތަރަކަށް ގޮސްފަ އެވެ. ރަޝިޔާ އާއި އެމެރިކާއިން އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް އަމާޒުކޮށްފައި އެތަކެއް ހާސް ނިޔުކްލިޔަ މިސައިލް އެބަހުއްޓެވެ. އޮޅުމަކުން ނަމަވެސް މީގެން ނިޔުކްލިޔަ މިސައިލެއް އަނެއްބަޔަކާ ދެކޮޅަށް ފޮނުވާލެވިއްޖެނަމަ ދެން ކަންތައް ވެގެންދާނެގޮތެއް ބުނަންވެސް ނޭނގެ އެވެ. ދުނިޔޭގައި ނިޔުކްލިޔަ ހަނގުރާމައެއް ފެށިއްޖެނަމަ އެއްވެސް ބަޔަކަށް އަނެއްބަޔެއްގެ މައްޗަށް ފަތަޙައެއް ނުހޯދޭނެ އެވެ. މިބުނެވުނު ބަހުގެ ކުޑަކުޑަ މިސާލެއް ބަޔާންކޮށްލާނަމެވެ. ނިޔުކްލިޔަ ވޯހެޑް އެކުލެވޭ މިސައިލްތަކަކީ އެތަކެތި ވަކިތަނެއްގައި ޤާއިމްވެ ހުންނަގޮތަށް ހަރުކުރެވިފައި ހުންނަ އެއްޗިއްސެއް ނޫނެވެ. ހުރިހާ ވަގުތެއްގައި ވެސް އެއްތަނުން އަނެއްތަނަށް ބަދަލުކުރެވެމުންދާ އެއްޗިއްސެވެ. މީގެ ބޭނުމަކީ އެތަކެތި ހުންނަ ތަންތަން އަނެއްބަޔަކަށް އެނގުނަ ނުދިނުމެވެ. ފަހަރެއްގައި މީހަކު ބުނެފާނެ އެވެ. ރަޝިޔާއިން ކުއްލިގޮތަކަށް އެތައް ހާސް ނިޔުކްލިޔަ މިސައިލްތަކެއް އެއްފަހަރާ ފޮނުވާލައިގެން އެމެރިކާ ފަނާކޮށްލީމަ ނިމުނީ ނޫން ހެއްޔެވެ؟ ނަމަވެސް ދަންނަވަންތޯ އެވެ. ވަކި ހިސާބެއްގެ އުސްމިނަށް ދުނިޔޭގެ އެއްވެސް ތަނަކުން މިސައިލެއް މައްޗަށް އަރާއިރަށް އެކަމުގެ އިންޒާރު އެމެރިކާ އަށް ލިބެ އެވެ. އެ މިސައިލް ދަތުރުކުރާ އުސްމިނާއި މިސްރާބު އަދި ގޮސް އަރާނެތަން އެނގިގެން ދެއެވެ. މިނިޒާމަށް ކިޔަނީ 'އާރލީ ވޯނިންގ ސިސްޓަމެވެ.' އެހާ ހިސާބުން އެމެރިކާ ވެސް އެބައިމީހުންގެ ނިޔުކްލިޔަ މިސައިލްތައް ލޯންޗުކުރާނެ އެވެ. ވީމައި ދެބައިމީހުން އެކީގައި ފަނާވެދާނީ އެވެ. ދެން އޮތް ގޮތަކީ އެމެރިކާ ނުދެނެ އޮއްވައި، ނޫނީ އެމެރިކާގެ އެލާޓް ސިސްޓަމްތަކުގައި މައްސަލައެއް ދިމާވެގެން އުޅެނިކޮށް ރަޝީޔާގެ ނިޔުކްލިޔަ ވޯހެޑްތަކުން އެމެރިކާ އެއްކޮށް ފަނާކޮށްލުމެވެ. މިހެން ހަދައިފި ނަމަވެސް ރަޝިޔާ ސަލާމަތެއް ނުވާނެ އެވެ. އެމެރިކާގެ ނިޔުކްލިޔަ މިސައިލްތައް ވަނީ ކަނޑު އަޑީގައި އަބަދުހެން ދުވެދުވެ ހުންނަ ސަބަމެރީންތަކުގައި ވެސް ހަރުކުރެވިފަ އެވެ. ވީމާ އެތަކެތި ވާތަނެއް ހޯދައިގަތުމަކީ ނުވާނެ ކަމެކެވެ. މިތަކެތި ކަނޑު އަޑިން ވައިގެތެރެއަށް އަރައި އޭގެ މިސްރާބަށް ދަތުރުކުރެ އެވެ. މިބާވަތުގެ މިސައިލަށް ކިޔަނީ 'ޕޮލަރިސް މިސައިލް' އެވެ. ވީމާ އެމެރިކާ އާއި އެކު ރަޝިޔާވެސް ފަނާވެދާނީ އެވެ. ދެ ޤައުމުން ވެސް ވަނީ ޖަންގަލިތަކުގަ އާއި ކަނޑު އަޑީގައިވާ ސަބްމެރީންތަކުގައި 'މޮބައިލް' ވޯހެޑްތަށް ޤާއިމްކޮށްފަ އެވެ. މީގެ އިތުރުން ދެ ޤައުމުގައިވާ ޞަޙަރާތަކުގެ އަޑީގައި ވެސް މިސައިލްތަށް ހަރުކޮށްފަ އެވެ.


އެމެރިކާ ބުނާގޮތުން އެންމެ ބޮޑުނުރައްކަލަކީ މުސްލިމް ޖަމާޢަތްތައް:


މަތީގައި ބަޔާންވެދިޔަ ފަދަ ޢަސްކަރީ ޤާބިލުކަން އެމެރިކާ ހޯދާފައިވުމާއެކު ވެސް އެ ޤައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭކަށް ނެތެވެ. އެހެނީ އެމެރިކާ ޤަބޫލުކުރާ ގޮތުގައި އެ ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއެއް ނޫނެވެ. އަދި ޗައިނާއެއް ވެސް ނޫނެވެ. އެކަމަކު އިސްލާމް ދީނަށް ނިސްބަތްވާ ޖަމާއަތްތަކުގެ ނުރައްކަލެވެ. މީގެ ތެރޭގައި އެންމެ އިސްކޮށް އޮތީ އަލްޤާއިދާ އާއި ޠާލިބާން އެވެ. ދެން ޙިޒްބުﷲ އާއި ޙަމާސް އެވެ. މުސްލިމް ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމަށް އެމެރިކާ ބަލަނީ އީރާނުގެ ފަރާތުންނެވެ.


ދުނިޔޭގެ އެތަކެއް މުފައްކިރުންގެ ވިސްނުމުގައި ވާގޮތުން އަފްޣާނިސްތާނާއި ޢިރާޤުގައި އެމެރިކާ ބަލިކޮށްލެވޭނެ ގޮތެއް އެބަ އޮތެވެ! އެގޮތަކީ އެމެރިކާ ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކުގައި އެމީހުންގެ ސިފައިން ގިނަގިނައިން މަރުވާނެގޮތް ހެދުމެވެ. މިހެންވާން ފެށުމުން އެމެރިކާގެ ޢާންމު ރައްޔިތުން މިއީ ކީއްކުރަން ކުރާ ހަނގުރާމައެއްތޯ ސުވާލުކުރަން ފަށާނެ އެވެ. އެންމެފަހުން މުޒާހަރާތައްކޮށް ހަނގުރާމަ ނިންމުމަށާއި އެޤައުމުގެ ސިފައިން އަނބުރާ ގެނައުމަށް ގޮވަންފަށާނެ އެވެ. މިހާހިސާބުން އެމެރިކާގެ ސަރުކާރަށް ގޮތް ހުސްވާނެ އެވެ. ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ ބަލިވެގެން ދިޔައީ މިގޮތަށެވެ. ވިއެޓްނާމްގައި އެމެރިކާގެ 58,000އަށް ވުރެ ގިނަ ސިފައިން މަރުވެ، ތިންލައްކަ އަށް ވުރެ ގިނަ ސިފައިން ޒަޚަމްވި އެވެ. އިންޑިޔާ އާއި ޚިލާފަށް އެމެރިކާގެ ރައްޔިތުންނަކީ އެމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުނުވެ ހަނގުރާމަތަކުން ނަޞުރުލިބުން އެދޭބަޔެވެ. އެމެރިކާ ދެކޭގޮތުގައި އެހެން ޤައުމުތަކުގެ މީހުން ކިތަންމެ ވަރަކަށް މަރުވިޔަސް އެންމެ ރަނގަޅެވެ. އެކަމަކު ތިމާމެންގެ ތެރެއިން އެންމެ މީހަކު މަރުވުމަކީ ވެސް ކަންބޮޑުވެ ބިރުން ފިއްކަނޑައިގެންދާންޖެހޭ ފަދަ ކަމެކެވެ. ވާނީ ވެސް މިހެންތާ އެވެ. އެބައިމީހުންނަށް ދަސްވެފައި ވަނީ ދުނިޔެ ބަނޑުދަށުލައިގެން އޭގެ މައްޗަށް ވެއްޓިގަންނާށެވެ. ބާރުގަދަ ހަތިޔާރުތައް އުފައްދާ ޖަމާކޮށްގެން ތިމާމެންގެ އެދުންތައް ހާޞިލުނުވެދާތަން ބަލަންތިބުން ނޫން ގޮތެއް މިއަދު އެމެރިކާގެ ސަރުކާރަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު