އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ހިނިފުޅުވަޑުވާލުމަށް: އެމީހުންގެ ނަޒަރުގައި ރޯދަ

2 years ago

އިބްރާހިމް ނާޒިމް

ރޯދަ ހިފުމަކީ އިސްލާމް ދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަމަކަށް ވުމުގެ އިތުރުން އެއީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުން ވެސް މެއެވެ. އިސްލާމް ދީނުގައިވާ ގޮތުން އެންމެހާ އަޅުކަންތަކެއް ކުރަންޖެހޭނީ ތެދުވެރި ނިޔަތަކާއެކު ހަމައެކަނި ﷲ އަށެވެ. މިގޮތުން ރޯދަވެސް ވާންޖެހޭނީ ހަމައެކަނި ﷲއަށް ކުރާ އަޅުކަމަކަށެވެ. މުސްލިމެއް ކަމުގައި ބުނިކަމުގައި ވިޔަސް ﷲގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހަކު ނުވަތަ އެކަލާނގެ ވޮޑިގެންވާކަމަށް އިންކާރުކުރާ މީހަކު ކެއިންބުއިމުން މަނާވެގެން ރޯދަހިފިކަމުގައި ވިޔަސް ލިބޭނެ ޘަވާބެއް ނޯންނާނެ އެވެ. އެފަދަ މީހުން އެ 'ރޯދަހިފަނީ' ހަމައެކަނި މާއްދީ ބޭނުމެއްގަ އެވެ. ނަމާދަކީ ކުރަންޖެހޭނެ އެއްޗެއް ނޫންކަމުގައި ބުނެ ނަމާދު ނުކުރާ މީހާ ހިފާ ރޯދައަކީ ވެސް ބާޠިލު އެއްޗެކެވެ.


ދިވެހިންގެ ތެރޭގައި ތިމާ އަކީ މުސްލިމުންކަމަށް ދުލުކޮޅުން ބުނާ ކިތަންމެ ބަޔަކު ނަމާދު ނުކޮށް ރޯދައަށް ތިބެ އެވެ. އަދި ރެއަކާ ދުވާލުން އެއް ނަމާދުކޮށް އުޅޭ، ނުވަތަ ހަމައެކަނި ހުކުރު ނަމާދުކޮށްގެން ފުއްދާލާ މީހުން ވެސް ރޯދަ އަށް ތިބެ އެވެ. މިފަދައިން ކަންކުރާ އެންމެން ހިފާ ރޯދައަކީ އެއަށް ފުރިހަމަ ދަރުމަ ލިބޭނެ އެއްޗެއް ނޫންކަމަށް ޢިލްމުގެ އަހުލުވެރިން އެއްބަސްވެ އެވެ. އެފަދަ މީހުންގެ އެ ރޯދަތަކަކީ ބާޠިލުއެއްޗެއް ކަމުގައި ލެއްވުން އޮންނާނީ ވަރަށް ގާތުގަ އެވެ. އެހެނީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާމެދުގަ އެވެ. އެ ނަމާދު ބަރާބަރަށް އަދާކުރެވިފައި ނުވާނަމަ މީހާގެ އެހެން ހުރިހާ އަމަލުތަކެއް ބާޠިލުވެގެންދާނެކަން އަންގަވާފައި ވެއެވެ. މިހެންކަމުން ނަމާދު އަޅާފައި ނުވަތަ ފަރުވާކުޑަކޮށްފައި ރޯދަހިފާ މީހާގެ މިސާލަކީ ބިންގާ އެޅުމެއް ނެތި އުސް އިމާރާތެއް ބިނާކުރަން ފަށައިގަންނަ މީހާގެ މިސާލެވެ. ބިނާކޮށް ނުނިމެނީސް އިމާރާތް އޮންނާނީ ވެއްޓިފަ އެވެ.


ދިވެހި ޘަޤާފަތުގައި އޮންނަގޮތުން ރޯދަހިފާ އެންމެން ރޯދަ 'ކުރުކުރަންޖެހެ' އެވެ. މި ނޫން ގޮތަކަށް ރޯދަ ހިފުމަކީ ދީނީ ކަންކަމުގައި ގޮތްބޮޑުކުރުން ކަމުގައި ބުނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ އިސްލާމް ދީންމަތީގައި ރޯދައަށް ތިއްބެވި މާތް މުސްލިމުން ރޯދަހިއްޕެވީ ރޯދަ ކުރުކޮށްގެންނެއް ނޫނެވެ. އަދި ރޯދަ ދިގުކޮށްގެންނެއް ވެސް ނޫނެވެ. އެ ބޭކަލުން ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ދިރިއުޅުމަށް ކުރާ ޙަލާލު މަސައްކަތްތައް ކުރައްވަމުން ގޮސް ދުވަސް ނިންމަވާލެއްވި އެވެ. ރޯދަ ކުރުކުރުމަކީ ކޮބައި ހެއްޔެވެ؟ ދުވާލުގެ ބޮޑުބައިގައި ނިދާފައި ތެދުވެ، ފާޙިޝް ވާހަކަދައްކާ މަޖާކުރަމުން، ގޭމްކުޅެމުން ނުވަތަ ފިލްމް ބަލަމުން ގޮސް ދުވަސް ނިންމާލުމަކީ ރޯދަކުރުކުރުމެވެ. އަދިވެސް ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލުމަކީ ވެސް ރޯދަކުރުކުރުމެވެ. މީގެ ތެރޭގައި ހިލޭ އަންހެނަކާ ފިރިހެނަކާ ދެ މީހުން ރޭޑިޔޯ ނުވަތަ ޓީވީ ޕްރޮގްރާމެއްގައި އެންމެންނަށް އިވޭނެހެން ފޯނުން ވާހަކަދައްކާ މައްލަވަކޮށް، ފިރިހެނާ އަންހެނާ ކުރެން ގޭގައި ކައްކަނީ ކޮންއެއްޗެއްތޯ އަހާ، ކާންދާނަމޭ ބުނެ ހަދައިގެން ވެސް ރޯދަކުރުކުރެ އެވެ. މިނޫން ގޮތްގޮތަކަށް ދިވެހިން މިކިޔާ ރޯދަކުރުކުރުން މާނައެއް ނުކުރެވެ އެވެ.


މި ދިވެހިރާއްޖެއިން އަހުރެން ދިޔަ މީހުން އުޅޭ ރަށެއްގައި ބަޔަކު ރޯދަކުރުކުރަމުން ދިޔަގޮތް ބުނެފިނަމަ އަންތަރީސް ވާނެ އެވެ. ރޯދަކުރުކުރަނީ އެރަށު ސްކޫލްގެ މަތީ ގްރޭޑްތަކުގައި އުޅޭ އަންހެން ކުދިންގެ ގްރޫޕެކެވެ. ބަންދު ކޮޓަރިއެއްގައި އެމީހުން ރޯދަކުރުކުރަމުން ދިޔަ ގޮތް އޮތީ ފުރަތަމަ ވަންހަނާވެފައި ކަމުގައި ވިޔަސް، ފަހުން އެކަން އެނގުނުއިރު ކަމަކުދާކަށް ނެތެވެ. އެކަކު އަނގައިން އަނެކަކުގެ އަނގަޔަށް ވާހަކަ ނަގުލުވަމުން ގޮސް އަހުރެންނާ ހަމައަށް ވެސް އެވާހަކަ ފޯރީ އެވެ. އެ ޒުވާން އަންހެން ކުދިންގެ ނަޒަރުގައި ރޯދައަކީ އޮރިޔާން ފިލްމް އަޅުވައިގެން، އެއްޖިންސުން ޖިންސީގުޅުން ހިންގައިގެން ވެސް ހިފޭ އެއްޗެކެވެ.


ބަނގުރާބޯ މީހަކު ރޯދަވީއްލަން އެންމެ ރަނގަޅީ ބަނގުރާކަމަށް ބުނެފިނަމަ އެކަން ޤަބޫލުކުރާނެ ކޮންމެ ވެސް ބަޔަކު ތިބޭނެ އެވެ. ސިނގިރެޓަށް ދެވިހިފާފައި ތިބޭ ސިނގިރެޓްގެ އަހުލުވެރިން ރޯދަވިއްލުމަށް އެންމެ ރަނގަޅީ ސިނގިރެޓް ކަމުގައި ބުނެފިނަމަ އެކަން ވެސް ޤަބޫލުކުރާނެ ބަޔަކު ތިބޭނެ އެވެ. ބިޑި، ސުއްޓާ ނުވަތަ ސިނގިރެޓް ނުބޮއެ ގިނަ އިރުތަކެއް ވެފައިވާތީ ލޭގެ ތެރެއަށް ނިކޮޓިން ފޮނުވަން ބޭނުންވެފައި ތިބޭ ކިތަންމެ ބަޔަކު އަވަސްވެގަންނަނީ ދުންފަތުގެ ބާވަތްތަކާ ދިމާއަށެވެ. ސިނގިރެޓް ބުއިން އެއީ ޙަރާމްކަމެއް ކަމުގައި ވުމުގެ އިތުރުން އޭގެ ސަބަބުން އެ ވިޔާނުދާ އަމަލު ނުކުރާ މީހުންނަށް އެތަކެއް ގެއްލުމާއި އުނދަގޫތައް އުފުލަންޖެހިދެ އެވެ. ޖަމާއަތުގައި ނަމާދުކުރާއިރު ޖެހިގެން ހުންނަ މީހާގެ އަނގައިންނާ ހެދުމުން ދުވާ ސިނގިރެޓްގެ ނުބައި ވަހުން ނޯށްދަމާލަން ދަތި ވެއެވެ. ހާރުކައިގެން ވެސް އެންމެ ފަހު ކަމަކަށް ހަދަނީ ސިނގިރެޓް ބުއިމެވެ. މިހެންކަމުން އެފަދަ މީހުން ފަތިސް ނަމާދަށް އައުމުން، ދުންފަތް ނުބޯ މީހުން އެކަމުގެ އުނދަގޫތައް އުފުލަންޖެހިދެ އެވެ.


ޝަރުޢީ އުޒުރަކާ ނުލާ ގަސްދުގައި ރޯދަ ނުހިފާ މީހުން ވެސް ސުފުރާ މައްޗަށް ރޯދަ ވީއްލަން އަރަ އެވެ. މިފަދަ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ ޑްރަގް ޕާޓޭއިންނެވެ. އެބައިމީހުންގެ ނަޒަރުގައި ރޯދަހިފުމަކީ ރޯދައަށް ތިބޭ މީހުން ރޯދަވީއްލަން ހަދާ ސުފުރާ މައްޗަށް ކާން އެރުމެވެ. އޭރުން ރޯދައިގެ ޘަވާބު އެ ލިބުނީ އެވެ. ޑްރަގް ޕާޓޭއިން ރޯދަވީއްލާނީ ރޯދަ ނުހިފާ ތިބެ އެވެ. ގެއިން ރޯދަވީއްލި ނަމަވެސް ބައެއް ފިރިހެނުން އަވަސްވެގެން މިސްކިތައް ދެއެވެ. ނަމަވެސް ކޮންމެ ގެއެއްގައި އުޅޭ ޕާޓޭ ކަލޭގެ މިސްކިތަށް ނުދާތަނުގައި ނަމާދެއް ވެސް ނުކުރެ އެވެ. ޑްރަގް ބޯ މީހުން ދެކޭގޮތުގައި އެމީހުންނަށް ހުރިހާ ކަމެއް ވެސް ކޮށްދިނުމަކީ ޑްރަގް ނުބޯ މީހުންގެ ޒިންމާއެކެވެ. ކުރުގޮތަކަށް ބުނާނަމަ ބޯމީހުންނަކީ ނުބޯ މީހުންނަށް ބަލަދުއަރާފައި ތިބި ބައެކެވެ. އަދި ނުބޯމީހުންގެ މުދަލާ ފައިސާއަކީ ބޯމީހުންގެ މިލްކެކެވެ. މިގޮތުން ނުބޯ މީހުން ހިފާ ރޯދައަކީ ވެސް ބޯމީހުންގެ އެއްޗެކެވެ. މިއީ ބޯމީހުން ދެކޭގޮތެވެ.


ރަމަޟާން މަހަކީ ވަކި ބާވަތްތަކެއްގެ މީރު ކާއެއްޗެހިތަކެއް ހަދައިގެން ކާންޖެހޭ މަހެއްކަމުގައި ދެކޭ ބަޔަކު ވެސް އުޅެ އެވެ. ރޯދަ މަހުގެ ރޭގަނޑު ރޭއަޅުކަން ކުރުމުގެ ބަދަލުގައި ރަށުތެރޭގައި ދަންވަރު ހޭލާ އުޅުމާއި، ޓީވީ ދޮށުގައި މަޖާކުރުމާއި، ފޭސް ބުކް އިން ލޯބިވެރިން ހޯދުމުގައި ވަގުތު ހޭދަކުރާ މީހުން ވެސް ގިނަ އަދަދަކަށް އުޅެ އެވެ. އިސްލާމް ދީނުގައި ރޯދަ ފަރުޟުކުރެއްވީ މުސްލިމުން ތަޤްވާވެރިވުމަށްކަން އެނގެން އޮތް އިރު، ހިލޭ ފިރިހެނުން ކުރިމަތީގައި އައުރަ ނިވާނުކޮށް، ގުރައެއްހެން މުޅި މޫނުގައި ތަފާތު ކުލަތައް އުނގުޅައިގެން އެއަރ ހޮސްޓެސްގެ ވަޒީފާގައި މިއުޅޭ އަންހެނުން މަތިންދާބޯޓް ތެރޭގައި އަބަދުހެން އުޅެންޖެހޭތީއޭ ކިޔާފައި ރަމަޟާންމަހު އެއްގޮތަކަށް ރޯދަ ނުހިފައި އެނބުރެ އެވެ. ވާރލްޑްކަޕް ފުޓްބޯޅަ ނުވަތަ އެނޫންވެސް ކުޅިވަރު މުބާރާތެއްގައި ވާދަކުރުމަށް ރޯދަ ނުހިފާ ކުޅެވިދާނެކަމަށް ބައެއް މުސްލިމުން ފަތުވާ ނެރެފައި އެބަހުއްޓެވެ. އެމީހުންގެ ނަޒަރުގައި ރަމަޟާންމަހުގެ ފަރުޟު ރޯދައަކީ މިފަދަ ކަންކަމަށް ދޫކޮށްލާފައި ފަހުން ޤަޟާކުރެވޭނެ އެއްޗެކެވެ. ނުވަތަ ޤަޟާ ނުކުރިޔަސް ފުދޭނެ އެވެ. އެހެނީ ކުޅިވަރުގައި ވާދަކުރީ ޤައުމު މޮޅުކޮށްދޭން ކަމުގައި ވާނަމަ އެކުރީ ބޮޑު ޖިހާދެކެވެ. މިހެންކަމުން އެހެރީ ފަރުޟު ރޯދަ ހިފިފަ އެވެ.


ބޯޓު ދަތުރުކުރަން ގޮސްފައި އައިސްހުރި ދިވެއްސަކު ކިޔާދިން ވާހަކައެކެވެ. އޭނާ އުޅުނު ބޯޓުގައި ގިނައީ ޕާކިސްތާނު މީހުންނެވެ. އޭނާ ބުނާގޮތުން އެބައިމީހުންނަކީ ނަމާދުކޮށްއުޅޭ މުސްލިމުންގެ ބައެކެވެ. ބޯޓް ތެރޭގައި ހުންނަ މިސްކިތުގައި ރޯދަ މަހު ރޯދައަށް ތިބެގެން ގިނަ ވަގުތު ޤުރުއާން ކިޔަވާ ބައެކެވެ. މިގޮތުން ޤުރުއާން ކިޔަވަން ތިބޭ ތިބުމުގައި ގިނަގިނައިން ދިޔާތަކެތި ބޮއެ ހަދައެވެ. ޤުރުއާން ކިޔަވާއިރު ކޮންމެ މީހެއްގެ ކައިރީގައި ޖޫސް ތައްޓަކާއި ފެންފުޅިއެއް ހުރެ އެވެ. އެބައިމީހުން ބުނާގޮތުން ދިޔާތަކެތި ބުޔަސް ރޯދައެއް ނުގެއްލޭނެ އެވެ. އެއީ އެމީހުން ޤަބޫލުކުރާ ގޮތެވެ. އެބައިމީހުންގެ ނަޒަރުގައި ރޯދައަކީ ދިޔާތަކެތި ބޮއެގެން ހިފޭ އެއްޗެކެވެ. ބަޔާންވެދިޔައީ ޣައިރު މުސްލިމުން ރޯދަހިފާ ގޮތެކޭ ބުނިނަމަ އަހަރެމެން ޙައިރާންވާކަށް ނުޖެހޭނެ އެވެ. އެހެނީ އެކި ދީންތަކަށް ނިސްބަތްވާ ޣައިރު މުސްލިމުން ރޯދަހިފާ ގޮތްތައް އިސްލާމް ދީނުގައި އެކަން އޮންނަގޮތާ ތަފާތުވެގެން ވާތީ އެވެ.


މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގާދިޔަ ޙަޤީޤީ ހާދިސާއެކެވެ. މިއީ މާ އަޖާއިބު ގޮތަކަށް ރޯދަހިފަމުން ދިޔަ މީހެއްގެ ވާހަކަ އެވެ. މި ބުނާ މީހާ އަކީ ވެސް ބޯޓު ދަތުރުކުރަން ގޮސްފައި އައިސްހުރި ފިސާރި ޖާނުން ބިޔަ ވަރުގަދަ ފިރިހެނެކެވެ. އޭނާ ރޯދަ ހިފާ ގޮތަކީ ކޮންމެ ދުވަހަކު މެންދުރު ނޫޑުލްސް ކައިގެންނެވެ. ކަނީ ގޭގެ އެންމެންގެ ކުރިމަތީގަ އެވެ. ގޭގައި ކުޑަކުދިން ރޯދައަށް ތިބޭއިރު އެ ކުދިންގެ ކުރިމަތީގައި ވެސް ކަނީ އެވެ. މިހެން ކަންތައްކުރާތީ އޭނާގެ ބޭބެ އެއްދުހަކު އޭނާ އާއި ދިމާއަށް ބުނިކަމުގައި ވަނީ، ދެން އެގޮތަށް ފާޅުގައި ކައިފިނަމަ އޭނާގެ މައްސަލަ ކަމާބެހޭ ފަރާތަށް ހުޅަހަޅާނޭކަމުގަ އެވެ. ނަމަވެސް އޭނާ އެބުނި ބަހަށް ވިސްނާލުމެއް ނެތި ޖެހިގެން އައި ދުވަހު އާދައިގެ މަތިން އަމިއްލައަށް ނޫޑުލްސް ކައްކައިގެން ކާން އިނެވެ. އިންދާ އޭނަގެ ބޭބެ ފުލުސް އޮފީހަށް ފޯނުކޮށްފި އެވެ. އިރުކޮޅެއް ފަހުން ދެ ފުލުހަކު ސައިކަލެއްގައި އެގެއަށް އައިސް އެތަނުން އެކަކު އެތެރެއަށް ވަން އިރު މީނާ އިނީ ހޭވައްޓާލާފައި ކާށެވެ. ދެން ފުލުސް މީހާ އޭނާ ސިފައިންގެ މައިމަރުކަޒަށް ހާޒިރުވާންވީއޭ ބުނެފި އެވެ. އެހެނީ އޭރު އަދި ފުލުހުންނާ ސިފައިން ދެ މުވައްސަސާއަކަށް ބައި ނުކުރެވެ އެވެ. ދެން އޭނާ އައި ރުޅިން ހަޅޭއްލަވައިގެންފައި، ކަލޭމެންގެ މީހަކު މަށާ ހަމައަށް އަޔަސް ހުރިތަނަށް މަރާ ވައްޓާލާނަމޭ ބުނެފި އެވެ. މިހެން ބުނުމާއެކު ފުލުހުންގެ ދެ މީހުން ގަތްބިރުން އަވަސް އަވަހަށް ސައިކަލަށް އަރައިގެން ހިނގައްޖެ އެވެ. އެމީހުން ދިޔަތާ ސާޅީހަކަށް މިނެޓް ފަހުން ދެން އައީ ފުލް ފޯސް އޮތްގޮތަށެވެ. ދެ ވޭން ފުރާ ސިފައިން ނުވަތަ ފުލުހުން އައެވެ. ކޮންމެ ވޭނެއްގައި 10 ވަރަކަށް މީހުން ތިއްބެވެ. ތިބީ އޭންކަލް ބޫޓަށް އަރާ ބެލްޓްބައްދާ ތަޅަން ތައްޔާރުވެގެންނެވެ. ދެން އޭގެ ތެރެއިން އެއް ވޭންގައި ތިބި 10 މީހުން ފައިބައިގެން މާރޗްކޮށްފައި ގޮސް އެ ގޭގެ ތެރެއަށް ވަދެ އޭނާގެ ބޭބެ ކުރެން އެކަލޭގެ ކޮބައިހޭ އަހައިފި އެވެ. އޭނާގެ ބޭބެ ބުނީ އޭރު އެކަލޭގެ ކޮޓަރީގައި އުޅޭކަމަށެވެ. ދެން އެ 10 މީހުން ގޭތެރޭގައި މާރޗްކޮށްފައި ގޮސް އޭނާ އިން ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިފި އެވެ. ޓަކި ދިނުމާއެކު އޭނާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާ ބޭރުބަލައިލާފައި ސިފައިން ފެނުމުން އަވަހަށް ދޮރު ލައްޕަން އުޅެނިކޮށް އެމީހުން ދޮރުގައި ހިފަހައްޓައިފި އެވެ. ދެން ފެށުނީ ދެ ފަރާތުން ދޮރު ކޮށްޕާށެވެ. އޭނާ ވެސް ކޮއްޕަނީ އެވެ. ސިފައިން ވެސް ކޮއްޕަނީ އެވެ. ނަމަވެސް ޓްރެއިނިންގ ހަދާފައި ތިބި 10 މީހުންގެ ގައިގައި ހުންނަ ބާރެއް އެކަކު ގައިގައި ނުހުންނާނެތީ އޭނާ އެތެރެއަށް ވިއްސައިގެން ގޮސް ދޮރު ހުޅުވިއްޖެ އެވެ. ދޮރު ހުޅުވުމާއެކު ސިފައިންގެ މީހުން އެތެރެއަށް ވަދެގެންފި އެވެ. ވަނުމުން އޭނާ އަތަނުން އެކަކު ގައިގައި ބައްދައިފި އެވެ. ދެން ތިބި ނުވަ މީހުން އޭނާގެ ގައިގައި ބައްދައިފި އެވެ. އޭނާ ސިފައިންނަށް ހަމާލާދެމުން ދާތީ އެމީހުން ވެސް އެކަލޭގެ މޫނުމަތިން ތަނެއް ޖެހިޖެހީނުން ދުޅަ އަރުވާލައިފި އެވެ. ދެން ހިފައިގަނެގެން އެމީހުން އޭނާ އިނދަޖައްސާލައިފި އެވެ. އިރުކޮޅަކުން ކޮޅަށްނަގާފައި ގެންގޮސް އެކަލޭގެ މޫނު ފާރުގައި ޖައްސާފައި ދެއަތް ފުރަގަހަށްލާ ބިޑި އަޅުވައިފި އެވެ. މިހާ ހިސާބަށް ކަންތައް ދިޔައިރު ވާނުވާ ބަލަން އެގޭ ދޮށަށް މީހުން އެއްވެފައި ވެއެވެ. ސިފައިން އޭނާ ނެރެގެން ގެންގޮސް ބަހަށް އެރުވިއިރު މުޅި މަގު ފުރިފައި އޮތީ މީހުންނެވެ. މީހުންނާ ހެދިގެން މަގުން ދުއްވާ އެއްޗަކަށް ދެވެން ވެސް ނެތެވެ. ގިނަ އިރުތަކެއް ނުވެ ސިފައިން އޭނާ ގޮވައިގެން ހިނގައްޖެ އެވެ. ދެން އެދުވަހު ހަވީރު ފަހެއްޖެހިފަހުން އެ ގޭގެ ކައިރީގައި ހުންނަ ކަންމަތީ ފިހާރައިގެ ސޭޓް ފުލުސް އޮފީހަށް ގެންގޮސްފި އެވެ. ގެންގޮސްފައި ސޭޓް ކައިރިން ސުވާލުކުރީ އެކަލޭގެއަށް ނޫޑުލްސް ވިއްކަނީ ކީއްވެތޯ އެވެ؟ އެހެން ގޮތަކަށް ބުނާނަމަ، "އޭ ބަލަ ކަލޭ ކީއްވެ މީނައަށް ނޫޑްލްސް ވިއްކަނީ؟" ސޭޓް ކުއްލިޔަކަށް ބުނި ކަމުގައި ވަނީ، "ކިހިނެއް އެނގޭނީ އޭނާ ނޫޑްލް ގަންނަނީ ދުވާލު ކާން ކަމެއް، ރޭގަނޑު ކާން ކަމެއް. މަ ފިހާރައިގައި އިންނަނީ އެއްޗިހި ވިއްކަން ވިއްޔަ!" މިހެންނެވެ. މިހެން ބުނުމުން ފުލުހުން އެކަކު އަނެކަކަށް ބަލާލައިފައި، "އާނ! ދޮގެއް ވެސް ވާ ނޫނޭ" ބުނެފައި ސޭޓް ގެޔަށް ފޮނުވާލައިފި އެވެ. ދެން އެ ދުވަހު އިރުއޮއްސުމާ ގާތްވެފައި ހުއްޓާ އެ ހައްޔަރު ކުރެވުނު ކަލޭގެ ގެއަށް ފުލުހުންގެ ދެމީހަކު އަނެއްކާ ގޮސް އޭނާ ނޫޑުލްސް ކެއްކި ތެލި ދޭށޭ ބުނެފި އެވެ. ދެން އެގޭ މީހުން ވަރަށް ޙައިރާންވެފައި ނުދޮވެހުރި އެ ތެލި އަވަސް އަވަހަށް ދިފީ އެވެ. ދިނުމުން އެ ތެލި ހިފައިގެން ދެ ފުލުހުން ހިނގައްޖެ އެވެ.


ހައްޔަރުކުރެވުނު އެ ކަލޭގެ ބުނާގޮތުން މެންދުރު ނޫޑުލްސް ކައިގެން ރޯދަހިފިދާނެ އެވެ. އެހެނީ ނޫޑުލްއަކީ ލުއިކާނާގެ ތެރެއިން ވާއެއްޗަށް ވާތީ ޔޯލަ އެވެ. އޭނާގެ ނަޒަރުގައި ރޯދަހިފުމަކީ ދުވާލު މެންދުރު ލުއި ކާނާގެ ބާވަތެއް ބޭނުންކޮށްގެން ކުރެވޭނެ ކަމެކެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިރާއްޖޭގައި ރޯދަ އާއި މެދު އެކި މީހުން ދެކޭގޮތް ތަފާތުވެގެން ވެއެވެ. މި ތަފާތުވުން މިއީ ހައިރާންވާންޖެހޭ ކަމެކެވެ. އެއީ އިސްލާމް ދީނުގައި ކަންކަން އޮންނަންވީގޮތް ވާރިދުވެގެން އައިސްފައިވާ ގޮތާއި ތަފާތުވާތީ އެވެ. ބައެއް މީހުން އެމީހުންގެ ހަވާނަފްސުގެ އެދުމަށް ކަންކަން ބަދަލުކޮށްފައި މިއީ އިސްލާމް ދީނުގައި އޮންނަ ގޮތޭ ބުނީމާ ނުދަންނަ މީހުން އެގޮތްތައް ޤަބޫލުކުރުމުގެ ކުރިން ދަންނަ މީހުން ކުރެން އަހާ އޮޅުން ފިލުވުމަށް ނަސޭހަތްތެރިވަމެވެ.

ކިޔުންތެރިންގެ ހިޔާލު