އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ތަލްބީނާ

2 years ago

އައިމިނަތު ހަބީބާ

ކާނާގެ ބާވަތްތަކުގެ ތެރެއިން ތަލްބީނާއަކީ އޭގެ ޙަޤީޤަތް ރަނގަޅަށް ދެނެގަނެވިފައި ނުވާ އަދި ޢިލްމީ ނަޒަރަކުން އެއާއިމެދު އެކަށޭނަ ދިރާސާއެއް ކުރެވިފައިނުވާ ކާނާގެ ބާވަތެކެވެ. މިހެންވާން ދިމާވެފައިވާ ސަބަބެއް ކަމުގައި ބެލެވެނީ ތަލްބީނާއަކީ ކޮންއެއްޗެއް ކަން ބަޔާންކުރައްވައި މާތް ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވާހަކަފުޅު ދައްކަވާފައިވުމުން، އެއީ ހަމައެކަނި ދީނީ އެއްޗެއް ކަމުގައި ބަލައި، ދީނާ ގުޅުންހުރި މައުޟޫޢުތަކުގައި ވާހަކަދެއްކުމަކީ ގިނަ މީހުންނަށް ރުހެވޭ، ނޫންނަމަ ބަލައިގަނެވޭ ކަމަކަށް ނުވާތީ އެވެ. މިޒަމާނުގެ ސައިންސާއި، ބޭސްވެރިކަމުގެ ތެރެއިން ތަލްބީނާގެ ފައިދާތައް ބަޔާންކޮށްދިނުމަށް ވަނީ އެތަކެއް ހުރަސްތައް ކުރިމަތިކުރުވާފަ އެވެ. މީގެ އިތުރުން، މުސްލިމް ސައިންޓިސްޓުންނާ ރިސާޗަރުން ބޮޑަށް މަސައްކަތްކުރެވޭތޯ ބަލާފައިވަނީ ހުޅަނގުގެ މީހުން ޝައުޤުވެރިވާނެ ޢިލްމީ ދާއިރާތަކާއި، މައުޟޫޢުތަކަށް ބަލައިގެންނެވެ. މިހެންކަމުން، ނިއުޓްރިޝަންގެ ތެރެއިން ފާހަގަކޮށްލެވޭ ތަލްބީނާއާއި ގުޅުންހުރި ދިރާސާތަކާމެދު ވަނީ އަޅާނުލެވި ދޫކޮށްލެވިފަ އެވެ.


މުސްލިމް މުޖުތަމަޢުތަކުގައި އާދައިގެ މަތިން ކައިއުޅޭ ކާނާގެ ބައެއް ބާވަތްތަކާމެދު ލިޔެވި ދިރާސާތަކެއް ކުރެވިފައި ވީކަމުގައި ވިޔަސް، ތަލްބީނާ އާއިމެދު ޢިލްމީ ނަޒަރަކުން ބަލައިލެވިފައި ނުވެ އެވެ. އެކަމަކު ތަލްބީނާ އަކީ މުސްލިމުން ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ ޢަޖާއިބުވާފަދަ ގިނަ ފައިދާތައް އެކުލެވޭ ބާވަތެވެ. ޙަޤީޤަތް ދެނެގަތުމަށްޓަކައި ތަލްބީނާ އާއި ބެހޭ ދިރާސާތައް ތަހުލީލްކުރާ މަރުކަޒުތަކުގައި ކުރަން ފެންނަނަމަ އެކަންކުރަންވީ އެވެ. އެންމެ ކުޑަމިނުން މުސްލިމުން އޭގެ ވާހަކަދައްކާ އުޅޭތީ ވަކިވަކި ޖަނަވާރުތަކަށް ތަލްބީނާ ކާންދީގެން އެތަކެއްޗަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ގޮތުން އެކަން ކުރަންވެއްޖެކަމުގައި ދެކެމެވެ.


އަންދާޒާކުރެވިފައިވާ ގޮތުގައި ތަލްބީނާގައި އެތަކެއް ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުން އިންސާނާ ދިފާޢުކޮށްދޭ ބާރުތަކެއް ވަނީ ލައްވާފަ އެވެ. މިގޮތުން ލޭމައްޗަށްދިޔުމާއި، ހިތުގެ ބަލިތަކާއި، ކޮލެސްޓްރޯލް މަތިވުމާއި، އޮބީސިޓީ ނުވަތަ އާދަޔާއި ޚިލާފަށް ފަލަވުމާއި، ނާރވަސް ޑިޕްރެޝަން ފަދަ އެތައް ބަލިތަކެއްގެ ފަރުވާއެއް ކަމުގައި ތަލްބީނާ ހިމެނެ އެވެ. ބަޔާންވެދިޔަ ބާވަތުގެ ބަލިތަކުންކުރެ އެއްވެސް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ކާންދޭނެ އެއްޗެއް ކަނޑައަޅައިދިނުމަށް ޑޮކްޓަރެއްގެ ގާތުގައި ބުނެވިއްޖެނަމަ ބުނާނީ އޭނާ ދޭ ބޭހާއެކު އެވެނިމިވެނި އެއްޗެއް ކެއުމަށެވެ. އެކަމަކު ބޭސް ބޭނުންނުކޮށް ހަމައެކަނި ތަލްބީނާ ކައިގެން މި ބުނެވިދިޔަ ބަލިތަކުން ޝިފާ ލިބޭނެކަމުގައި ބުނެފިނަމަ ޑޮކްޓަރު ވެސް ޙައިރާންވާނެ އެވެ. މިބުނެވިދިޔަ ބަލިތަކަށް ޝިފާއެއްގެގޮތުން ކާންދޭނެ ވަކިއެއްޗެއް ކަނޑައެޅުމުގައި ބޭސްވެރިންނަށް އެއްބަސްވެވޭ ވަކި ކާއެއްޗެއް ހޯދިފައި ނުވެ އެވެ. އެހެންވީމާ ބަލިމީހާއަށް ކާންދޭ ކޮންމެ އެއްޗަކާއެކު ވެސް ވަކި ބޭސްތަކެއް ކާންޖެހެ އެވެ. މި ފަހަކަށް އައިސް ހޯދުނުގޮތުގައި، ކިތަންމެ ބަލިތަކަކަށް ޤުދުރަތީ ޝިފާއެއްގެ ގޮތުން ކާންދެވިދާނެ ވަކި ބާވަތެއްގެ ކާނާ އެބަހުރިކަން ޑޮކްޓަރުންނަށް ވަނީ ހޯދިފަ އެވެ. އެފަދަ ބާވަތްތަކުގެ ތެރޭގައި ގޮވާމުގެ ބާވަތެއްކަމުގައިވާ ބާރުލީގެ ފެހިފަތް ވެގެންގޮސްފައި ވަނީ ކާނާއާއި ބެހޭ ސައިންޓިސްޓުންނަށް ހޯދުނު އަޖާއިބުވާފަދަ އައު ހޯދުމަކަށެވެ. ބާރުލީ އާއި އޭގެން އުފައްދާ ތަފާތު ބާވަތްތައް ދުނިޔޭގައި ފަސޭހަކަމާއެކު ފުދޭވަރަށް ލިބެން ނުހުންނާތީ، ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކަށް އެތަކެތި ލިބޭނެގޮތެއް ނޯވެ އެވެ. ޤުދުރަތީ ކާނާގެ ބާވަތްތަކުން ޝިފާ ލިބިގަންނަން އެދޭ ބަލިމީހުންނަށް އެތަކެތި ފޯރުކޮށްދެވޭނެ ވަކި ނިޒާމެއް ހަމަޖެހިފައި ނޯންނާތީ، ބާރުލީގެ ވިޔަފާރިކުރާ ކުންފުނިތަކުން ވެސް ވަރަށް މަދު އަދަދަކަށް މެނުވީ އެތަކެތި ނުއުފައްދަ އެވެ.


ތާޒާ ބާރުލީ ގޮވާމަކީ ބާރުލީގެ ފެހިފަތަށްވުރެ މީހުން މާ ޝައުޤުވެރިކުރުވާ ބާވަތެކެވެ. ދުނިޔޭގެ ބައެއް މުޖުތަމަޢުތަކުން ވަނީ ބާރުލީގެ ފެހިފަތުގައި އެކުލެވިގެންވާ ޤުދުރަތީ ބައެއް ފައިދާތައް ހޯދައި ދެނެގެންފަ އެވެ. އެކަމަކު ފެހި ބާރުލީ ގޮވާމުގައި ހިމެނިގެންވާ ގިނަގުނަ ޤުދުރަތީ ފައިދާތައް އެބައިމީހުން ހޯދައި ބަލައިފައެއް ނުވެ އެވެ. މާތް ނަބިއްޔާ މުޙަންމަދު ޞޮއްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި ތަލްބީނާ އަކީ ތާޒާ ބާރުލީ ގޮވާމުން ތައްޔާރުކުރެވޭ ޚާއްޞަ ކާނާގެ ބާވަތެކެވެ. ތަލްބީނާ އެއީ ކޮންއެއްޗެއްކަން ބަޔާންވެގެން އަންނަ އެކަލޭގެފާނުގެ ބަސްފުޅުތައް އިޝާރާތްކުރަނީ އޭގެ ޒަރީއާއިން ތަފާތު ބަލިތައް ޖެހުން ހުއްޓުވުމާއި، ޖެހިފައިވާ އެތަކެއް ބަލިތަކަށްވާ ޝިފާއެއްކަމުގަ އެވެ. މި މޭރުމުން ބަލާއިރު އެތަކެއް ބަލިތަކަށް ފަރުވާކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު ބަލި ފަސޭހަކޮށްދޭ އިތުރު ބާރެއްގެ ގޮތުން ވެސް ތަލްބީނާ ބޭނުންކުރެވިދާނެ އެވެ. މިގޮތުން ކެންސަރާއި، ނޭވާހިތްލުމާއި، އެލާޖީއާއި، ހައިޕަރޓެންޝަން އަދި އޮބީސިޓީ ފަދަ ބަލިތަކަށްވާ ފަރުވާއެއްކަމުގައި ތަލްބީނާ ވާކަން ވަނީ ހޯދިފައެވެ.


ފެހި ބާރުލީގެ ފައިދާތަކާމެދު ވާހަކަދެއްކުމުގެ ކުރިން ތާޒާ ބާރުލީ ގޮވާމުން ތައްޔާރުކުރެވޭ ޚާއްޞަ ކާނާއެއް ކަމުގައިވާ ތަލްބީނާގެ ވާހަކަ ބަޔާންކޮށްދޭ ޙަދީޘްތަކަށް ބަލައިލުން މުހިންމުކަމުގައި ދެކެމެވެ. ތަލްބީނާ މިއީ ޢަރަބި ބަހުގެ ލަފްޒެކެވެ. މިލަފްޒުގެ އަސްލު އައިސްފައިވަނީ 'ލަބަން' އިންނެވެ. ލަބަން އަކީ ކިރެވެ. ގަސްގަހާގެހިން ނުކުންނަ ދިޔައިގެ ތެރޭގައި އޮލަކަމެއް ހުންނަ ހުދުކުލައިގެ ކޮންމެ ބާވަތަކީ ވެސް ކިރު ކަމުގައި ބެލެވިފައި ވެއެވެ. ބާރުލީ ގޮވާން ފައްކާވެގެން އަންނައިރު އޭގެ އެތެރެ ހުންނަނީ ކިރު ފަދަ ސާފު ހުދުކުލައެއްގަ އެވެ. މިހެންކަމުން، ބާރުލީ ހިމުންކޮށް މުގުރައި، ކިރާއި އަދި އެނޫންވެސް ބާވަތްތައް އަޅައިގެން ތައްޔާރުކުރެވޭ މި ކާނާގެ ނަމަކަށް ތަލްބީނާ ކިޔާފައި ވަނީ އެވެ.


ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަލިމީހުންނަށާއި، ގާތްތިމާގެ މީހަކު މަރުވުމުން ހިތާމަކުރަމުންދާ މީހުންނަށް ތަލްބީނާ ކާންދިނުމަށް ބާރުއަޅުއްވާ ކަމުގައި ވެއެވެ. އެކަމަނާ ވިދާޅުވާގޮތުގައި ތަފާތު ހިތާމަތައް ޖެހިފައިވާ މީހުންނަށް ތަލްބީނާ ކާންދިނުމަށް ރަސޫލުﷲ ޞޮއްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައި ވެއެވެ. ރިވާވެގެންވާ ގޮތުގައި ޢާއިޝާ އެކަމަނާގެ ތިމާގެ މީހަކު ނިޔާވެއްޖެކަމުގައި ވާނަމަ، އާއިލާގެ އަންހެންތަކުން އެއްކުރައްވައި ތަލްބީނާ ކެއްކުމަށް ތެއްޔެއް ގެނައުމަށް ވިދާޅުވެ އެވެ. އެއަށްފަހު އެކަމަނާ ޘަރީދާ ނަމަކަށް ކިޔާ ކެއުމެއް ތައްޔާރުކުރައްވަ އެވެ. އެއީ މައިގަނޑު ގޮތެއްގައި ރޮށްޓާއި ސޯސް ފަދަ އެއްޗެއް އެއްކޮށްގެން މޮޑެވިފައި ހުންނަ ކެއުމެކެވެ. ދެން އޭގެ ތެރެއަށް ތަލްބީނާ އަޅުއްވަ އެވެ. އެއަށްފަހު އެތަކެތި ކެއުމަށް އާއިލާގެ އެންމެހާ އަންހެނުންނަށް އެކަމަނާ އަންގަވަ އެވެ.


ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވަނީ، "ﷲގެ ރަސޫލާ ޞޮއްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. ތަލްބީނާ ބަލިމީހާގެ ހިތަށް ހަމަޖެހުން ގެނެސްދިނުމާއެކު، ހިތް ތާޒާކުރުވައި، ޖެހިފައިވާ ގިލަންވެރިކަމާ ހިތާމަތަކުން ދުރުކޮށްދެ އެވެ." (ޞަޙީޙުލްބުޚާރީ 5325).


އަދިވެސް ޞަޙީޙް ބުޚާރީގައި ވެއެވެ. "ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ޢާއިލާ މީހަކު ނިޔާވުމާވިދިގެން އެކަމަނާގެ ތިމާގެ މީހުންނާ ގާތް އެކުވެރިން ފިޔަވައި ޖަމާވި އަންހެނުންތައް އެނބުރި ދިޔުމުން ތެއްޔެއްގައި ތަލްބީނާ ކައްކައިގެން ގެނައުމަށް ވިދާޅުވެ އެވެ. އެއަށްފަހު (ރޮށްޓާއި މަސް އެއްކޮށްގެން މޮޑެފައި ހުންނަ) ޘަރީދް ތައްޔާރުކުރައްވާ އޭގެ ތެރެއަށް ތަލްބީނާ އަޅުއްވަ އެވެ. ދެން އޭގެން ކެއުމަށް އަންހެނުންނަށް އަންގަވަ އެވެ. އަދި ވިދާޅުވެ އެވެ، ރަސޫލުﷲ ޞޮއްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއަތީ ތިމަން ކަމަނާ އެއްސެވީމެވެ، ތަލްބީނާ ބަލިމީހާގެ ހިތަށް ވެރިވެފައިވާ ކަންބޮޑުވުން ފިލުވާދިނުމާއެކު އޭނާގެ ހިތާމަތަކުން ބައެއް ދުރުކޮށްދެ އެވެ." (ޞަޙީޙުލްބުޚާރީ 5058)


ހިޝާމްގެ ބައްޕާ ވިދާޅުވި އެވެ. "ޢާއިޝާ ރަޟިޔަﷲ ޢަންހާ ތަލްބީނާ ބޭނުންކުރުމަށް ބާރުއަޅުއްވަ އެވެ. އަދި ވިދާޅުވެ އެވެ. (ބަލިމީހުން) ކާހިތްނުވާ އެއްޗެއް ކަމުގައި އެ ވެއެވެ. އެކަމަކު އެއީ ވަރަށް ފައިދާހުރި އެއްޗެކެވެ." (ޞަޙީޙުލްބުޚާރީ 5326).


އަދިވެސް ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަސަން ޙަދީޘެއްގައި ވެއެވެ. " ރަސޫލު ޞޮއްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އާއިލާގެ ބޭފުޅަކަށް އާލާސްކަންފުޅެއް ކުރިމަތިވެއްޖެކަން އެނގިވަޑައިގަތުމުން ވިދާޅުވާކަމުގައި ވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު މޫނުގައިވާ ހަޑިތައް ފެނުން ދޮވެ ސާފުކޮށްލާ ފަދައިން، އޭގައި (ތަލްބީނާގައި) ހިތާމަ އާއި މޮޅިވެރިކަން ޖެހިފައިވާ ހިތް ސާފުކޮށްލަދޭނެ ފަރުވާ ވެއެވެ." (ޞަޙީޙް ސުނަން އިބުނު މާޖާ 3445).


އަދިވެސް ޢާއިޝާ ރިވާކުރެއްވިކަމަށް ޞަޙީޙް ސުނަން އިބްނު މާޖާގައި ވެއެވެ. ރަސޫލުﷲ ޞޮއްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި އެވެ. "ކާހިތްނުވާ ފައިދާހުރި އެތި ތިބާ ކާހުށިކަމެވެ." މާނައަކީ އޮލަ ސުރުވާއެއް ފަދައިންވާ ތަލްބީނާ ކާށެވެ. ރަސޫލު ޞޮއްލަﷲ ޢަލައިހި ވަސައްލަމްގެ އާއިލާގެ ބޭފުޅަކު އާލާސްކަންފުޅެއްގައި ވުމުން ދެގޮތުންކުރެ އެއްގޮތެއް ވެއްޖައުމަށް ދާންދެން ކައްކާ ތެލި އުނދުންމަތިން ނުބޭލޭ ހުއްޓެވެ. އެގޮތަކީ ބަލީގައިވާ މީހާ ގަދަވެއްޖައުމަށް ނުވަތަ މަރުވެއްޖައުމަށް ދާންދެނެވެ. (ޞަޙީޙް ސުނަން އިބްނު މާޖާ 3446).


މާތް ރަސޫލުﷲ ޞޮއްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި މަދީނާގެ ރަށްބޭރުގައި ދިރިއުޅެމުން ދިޔަ އަންހެންތަކުން ވެސް ތަލްބީނާ ތައްޔާރުކުރާނެ ގޮތް ދަނެއެވެ. ތަލްބީނާ ތައްޔާރުކުރެވެނީ ތާޒާ ބާރުލީ ގޮވާމުންނެވެ. ގޮވާމުގެ ތަނޑުތައް ވަކިކޮށްލުމަށްޓަކައި ފުރަތަމައިނުން އަލިފާނުން ހޫނުކޮށްލެވެ އެވެ. ކޮފީ ތައްޔާރުކުރުމަށްޓަކައި އޮށްތައް އަންދާލެވޭ ފަދައިން ބާރުލީ ގޮވާން އަންދާލެވެ އެވެ. ކިސަޑު އުނދުން ނުވަތަ ތަވައެއްގައި ނޫނަސް ގޮވާންތައް ރަނގަޅަށް ރޯފިލާވަރަށް އަންދާލާނެ ކޮންމެ އެއްޗެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ހަނާކުރާއިރު ހުރިހާ ގޮވާމެއް އެއްވަރަށް ރޯފިލާވަރު ބަލައިގެން ހޫނުކުރަމުން ގެންދަންވާނެ އެވެ. އެހެނީ ދެން އެ ހިމުންކޮށް މުގުރައިންގެން އިތުރަށް ނުކައްކާ ވެސް ކެއުމަށް ބޭނުންކުރެވޭނީ އޭރުންނެވެ.


ތަލްބީނާ އެ އެއްޗަކުން ތައްޔާރުކުރެވޭ ބާރުލީ ގޮވާމުގެ ބައެއް ފައިދާތަކަށް ބަލައިލުން ބޭނުންތެރި ކަމުގައި ދެކެމެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުގައި ބާރުލީ ކިރާއި އެއްކޮށްގެން ބޭނުންކުރުމުން ހަށިގަނޑަށް ލިއްބައިދޭ މިނެރަލް އާއި ވިޓަމިންގެ މިންވަރު އިތުރުކޮށްދެ އެވެ. މިގޮތުން ލޭމަދުވުމާއި (އެނީމިޔާ) ވަރުދެރަވުން އަދި ބަނޑުހަރުވެގެން ބޮޑުކަމުދިޔުމަށް ދަތިވުންފަދަ ކަންކަމުން އެއްކިބާކޮށްދެ އެވެ. ކިރުން ކާރޑް ހަދައިގެން ނުވަތަ ކުޑަކޮށް ހުތްވަންދެން ބެހެއްޓުމަށްފަހު ބާރުލީ އާއި އެއްކޮށްގެން ބޭނުންކުރުމުން ވަކިން ފައިދާ ބޮޑެވެ. އެއީ ހުތްވެފައި ހުންނަ ކިރުގައި ގިނަ އަދަދެއްގެ ލެކްޓިކް އެސިޑް އުފައްދާ ބެކްޓީރިޔާ އެކުލެވިގެންވާތީ، ދަގަނޑާއި، ކެލްސިއަމް އަދި މެގްނީޒިޔަމް ފަދަ މާއްދާތައް ގިނައިން އުފައްދާތީ އެވެ.


ބާރުލީގެ ފެހިފަތަކީ ކުރީޒަމާނުގައި ވެސް ރަށްފުށުގެ ސަރަހައްދުތަކުގައި އޭގެ ތަފާތު ބޭނުންތައް ހިފަމުން އައި އެއްޗެކެވެ. މިގޮތުން ފިނި މޫސުމުގެ ދުވަސްތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް ކާންދޭނެ ވިނަ ނުހެދޭތީ ނުވަތަ މަދުން ނޫނީ ނުލިބޭތީ އެތަކެތީގެ ޞިއްޙަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި ބާރުލީގެ ފެހިފަތް ކާންދެވެ އެވެ. ޙަކީމީ ބޭސްވެރިކަމުގެ ތެރޭގައި ވެސް ބާރުލީ ފަތުގެ ބޭނުން ހިފަމުން އައިސްފައި ވެއެވެ. ބޮލުން އިސްތަށިފޭބުން ހުއްޓުވުމާއި، ބަނޑުގެ ބަލިތަކަށް ފަރުވާކުރުމުގައި ބާރުލީގެ ފެހިފަތް ފާހަގަކޮށްލެވެ އެވެ. ބާރުލީގެ ފެހިފަތަކީ ކުޑަކުދިންގެ ޞިއްޙީ މައްސަލަތަކާއި ބަނޑުގެ ނިޒާމް ރަނގަޅުކުރުމަށް ވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. ޢުމުރުން އެންމެ ތިންމަހުގެ ކުޑަކުދިންގެ ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ވެސް ބާރުލީ ފެހިފަތުގެ އެހީގައި ރަނގަޅުކުރެވިފައި އެބަހުއްޓެވެ. ލޭމަދުވުމާއި، ބޮޑުކަމުދިޔުން ދަތިވުމުގެ މައްސަލަތައް ދިމާވެފައިވާ ކުޑަކުދިންގެ ބުއްފުޅިއަށް ހިމުންކޮށް މުގުރާފައި ހުންނަ ބާރުލީ ފެހިފަތުން ސައި ސަމްސަލެއްގެ މިންވަރު އަޅާފައި ބޯންދިނުމުން އެކަންކަން މުޅިން ރަނގަޅުވެގެންދެ އެވެ.


ފަހުގެ ހޯދުންތަކުން ދެއްކިގޮތުގައި، ބާރުލީގެ ފަތުގައި ގިނަ ޢަދަދަކަށް މިނެރަލްސް، ވިޓަމިންސް، އެންޒައިމްސް އާއި ކްލޮރޮފީލް އަދި އެމިނޯ އެސިޑްސް އެކުލެވިގެން ވެއެވެ. ތާޒާ ބާރުލީ ފެހިފަތުގެ ކޮންމެ 100 ގްރާމެއްގައި 8800 މިލިގްރާމްގެ ޕޮޓޭސިއަމް، 1108 މިލިގްރާމްގެ ކެލްސިއަމް، 224.7 މިލިގްރާމްގެ މެގްނީޒިއަމް، 15.8 މިލިގްރާމްގެ ދަގަނޑު، 1.36 މިލިގްރާމްގެ ކޮޕަރ، 594 މިލިގްރާމްގެ ފޮސްފަރަސް، 5.6 މިލިގްރާމްގެ މެންގަނީޒް، 7.33 މިލިގްރާމްގެ ޒިންކް އަދި 775 މިލިގްރާމްގެ ސޯޑިއަމް ހިމެނިގެން ވެއެވެ. ބަޔާންވެދިޔަ މިނެރަލްސް ތަކުގެ އިތުރުން ތަޒާ ބާރުލީ ފެހިފަތުގައި ހިމެނޭ ތަފާތު ވިޓަމިންސްގެ މިންވަރު ހުރިހާ ތަރުކާރީގެ ބާވަތަކާ އަޅާބަލާއިރު މާ މަތިވެގެން ވެއެވެ.


ހުރިހާ ބާވަތެއްގެ ފަތްޕިލާވެއްޔާއި އަޅާބަލާއިރު ބާރުލީގެ ފެހިފަތުގައި ކްލޮރޮފީލް އެކުލެވޭ މިންވަރު މާ މައްޗެވެ. މިހެންކަމާއެކު ހަށިގަނޑުގައި އެންޓި އޮކްސިޑަންޓެއް ފަދައިން އެތަކެތި މަސައްކަތްކުރަން ފަށައިގަނެ އެވެ. ނަތީޖާއަކަށް ވެގެންދަނީ ހަށިގަނޑުގެ ފްރީ ރެޑިކަލްސް އާއި އެހެނިހެން ހުރިހާ އޮކްސިޑޭޝަން ލެވެލް ދަށް މިންވަރެއްގައި ހިފަހައްޓައިދިނުމެވެ. މިކަމަކީ ކެންސަރުޖެހުމުން ދުރުކޮށްދޭކަމެކެވެ.


ތަލްބީނާ ތައްޔާރުކުރާނެ ގޮތް:

ހިމުންކޮށް މުގުރާފައި ހުރި ސާފު ބާރުލީ ފުށުގެ ދެ މޭޒުމަތީ ސަމުސާ ½ ޖޯޑު ކިރުގެ ތެރެއަށް އަޅުއްވާ އެއްކޮށްލައްވާނީ އެވެ. އެއަށްފަހު ކުޑަ ތެއްޔަކަށް އަޅުއްވާ މަޑު ގިނީގައި 10-15 މިނިޓް ވަންދެން ކައްކަވާނީ އެވެ. ދެން ބޭނުންފުޅުނަމަ އިތުރު ފެންފޮދެއް އަޅުއްވާ، ޔޯގާޓް ފަދަ އެއްޗަކާއެކު މާމުއި ކޮޅެއް އަޅުއްވާ އިތުރަށް ހޫނުކޮށްލައްވާނީ އެވެ. މިހާރު ތަލްބީނާ އެހުރީ ތައްޔާރުކުރެވިފަ އެވެ. ރަހަ މީހު ކޮށްލެއްވުމުގެ ގޮތުން އިތުރު ކާނާއެއްގެ ތެރެއަށް ތަލްބީނާ އަޅުއްވައިގެން ފަރިއްކުޅުއްވިދާނެ އެވެ. ނުވަތަ ތަލްބީނާ މިކްސަރަކަށް އަޅުއްވައި، ތަފާތު މޭވާއާއި އާމަންޑް ފަދަ އެއްޗެއް އަޅުއްވާ ހިމުންކޮށްލައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު