އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޤުރުއާނުގައިވާ ގޮންޖެއްސެވުން

2 years ago

އިބްރާހިމް ނާޒިމް

ދުނިޔޭގެ ހުރިހާ ޘަޤާފަތެއްގެ ތެރޭގައި ވެސް އިންސާނުން އެބައިމީހުންގެ ޝުޢޫރުތައް ފާޅުކުރުމަށްޓަކައި ބަހުގެ އަދަބިއްޔާތުގައި ހިމެނޭ ބަލާޣާތްތެރި ޅެންވެރިކަން ވެފައިވަނީ ބާރުގަދަ ވަސީލަތެއްކަމުގަ އެވެ. މިޒަމާނުގެ ދުނިޔޭގައި ސައިންސާއި، ޓެކްނޮލޮޖީއަކީ އެރޮނގުން ކުރިއަރާފައިވާ ބައެއްގެ ފަޚުރަކަށް ވެފައިވާ ފަދައިން، ފާއިތުވެދިޔަ ޒަމާނުގެ ކޮންމެވެސް ދުވަސްވަރެއްގައި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެންވެރިކަން ވެފައިވަނީ އެރޮނގުން ކުރިއަރާފައިވާ ބައެއްގެ ފަޚުރެއްކަމުގައިކަން ދުނިޔެ ދެކިފައި ވެއެވެ.


މުސްލިމުންނާ ޣައިރު މުސްލިމުން ވެސް މުސްލިމުންގެ މުޤައްދަސް ފޮތް ކަމުގައިވާ ޤުރުއާނާއި މެދު އެއްބަސްވާ އެއް ޙަޤީޤަތެއް އެބަ އޮތެވެ. އެ ޙަޤީޤަތަކީ ޤުރުއާނަކީ އަދަބިއްޔާތުގެ ގޮތުން އަރާހުރި މޮޅު ފޮތެއްކަމެވެ. މި ދުނިޔޭގެ އެއްވެސް ދިމާއަކުން ފެންނާނެ އެންމެ މޮޅު ޢަރަބި ބަހުގެ އަދަބިއްޔާތު ހިމެނިގެން އެކުލަވާލެވިފައިވާ ފޮތަކީ ކީރިތި ޤުރުއާންކަމުގައި ވާކަމެވެ. މިހެންކަމާއެކު ޤުރުއާނުގައި ވަނީ އެންމެހައި އިންސާނުންނަށް ގޮންޖައްސަވައި، އެ ފޮތުގައިވާ ސޫރަތްތަކުގެ ތެރެއިން އެންމެ ކުރު ސޫރަތެއްގެ މިންވަރުވެސް އިންސާނުންނަށް ހަދައިގެން ނުގެނެވޭނެކަމަށް އަންގަވާފަ އެވެ.


"ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: مُحَمَّدُ ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކުކަމެއްގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ﷲ ފިޔަވައި، ތިޔަބައިމީހުންނަށް، ނަޞްރުދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!" (ސޫރަތުލްބަޤަރާ 23).


"ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ އަދި ތިޔަބައިމީހުންނަކަށް ހަމަހިލާ އެކަންތަކެއް ނުމެކުރެވޭނެތެވެ. (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކައަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކައަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރުކުރައްވާފައިވަނީ، ކާފިރުންނަށްޓަކައެވެ." (ސޫރަތުލްބަޤަރާ 24).


ޤުރުއާނުގައި ވާފަދަ އެންމެ ސޫރަތެއް ހަދައިގެން ގެނައުމަށް އެފޮތުގައި ގޮންޖައްސަވާފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. އެންމެހައި އިންސާނުންނާ ޖިންނިން ގުޅިގެން ޤުރުއާން ފަދަ ފޮތެއް ނުވަތަ އޭގައިވާ ފަދަ ސޫރަތެއް އެކުލަވާލަން އުޅުނުކަމުގައި ވިޔަސް އެކަން ނުވާނެ ކަމުގައި ބަޔާންކުރައްވާފައި ވެއެވެ. މި ގޮންޖެއްސެވުން ޤުރުއާނުގައި ވަނީ ތަކުރާރުކުރައްވާފަ އެވެ. ވީމާ މިގޮންޖެއްސެވުމަށް ރައްދުދިނުމުގެ ގޮތުން ޣައިރު މުސްލިމުންގެ ތެރެއިން ޢަރަބި ބަސް މޮޅަށް ދަންނަ އެތައް ބަޔަކު އެފަދަ ސޫރަތެއް ހަދަންއުޅެ އެކަންވަނީ ނާކާމިޔާބުވެފަ އެވެ. އެބައިމީހުން އެއްވެ ސައްލާކޮށް، ވިސްނާ ފިކުރުކޮށްގެން ވެސް ޤުރުއާނުގައިވާ ފަދަ ބަލާޣާތްތެރި، ފުރިހަމައަށް ލަފްޡުތަށް އެމުނި އެކުލެވިގެންވާ، ރީތި ފުންމާނައެއް ނުކުންނަ އެންމެ ކުރު ސޫރަތެއްގެ މިންވަރު ވެސް ނުހެދުނެވެ. ޤުރުއާން ބާވައިލެއްވުނު ފަހުން މިއަދާ ހަމައަށް 1400 އަހަރަށްވުރެ ގިނަވެފައިވާއިރު، އެ ފޮތުގައިވާ މި ގޮންޖެއްސެވުން އަދިވެސް ދެމިއޮތްކަމުން ދޭހަވަނީ އެ ފޮތަކީ އިންސާނަކު ހަދައިގެން ގެނައި އެއްޗެއް ނޫންކަމެވެ.


ދުނިޔެ ޢިލްމީގޮތުން ކުރިއަރާފައި ނެތް ޒަމާނެއްގައި، ޢަރަބިކަރައިގެ ޞަރާގައި އުޅުއްވި، އެއްވެސް މީހެއްގެ ގާތުން ކިޔަވާވިދާޅުނުވެ ހުންނެވި އަދި ލިޔަންކިޔަން ދެނެވަޑައިނުގަންނަވާ ބޭކަލަކަށް މިޒަމާނުގެ ސައިންސާއި ނުބައްދަލު، ބޮޑެތި ޢިލްމީ ޙަޤީޤަތްތައް އެކުލެވޭ ފޮތެއް ލިޔެވިދާނެކަމަށް ބުއްދި ޤަބޫލެއް ނުކުރެ އެވެ. އަދި އެ ފޮތުގައި އެންމެހައި އިންސާނުންނަށް އެތަކެއް ގޮންޖެއްސެވުންތަކެއް ގެންނަވައި، އެ ގޮންޖެއްސެވުންތައް ޤިޔާމަތާ ޖެހެންދެން ދެމިގެންދާނެކަމަށް ބަޔާންކުރައްވައި، އެކަމަށް ޝައްކުކުރާ މީހަކު ހުރިނަމަ އެ ފޮތަށްވުރެ މޮޅު ފޮތެއް ލިޔެގެން ގެނައުމަށް އަންގަވައި، އެކަން އެގޮތުގައި ދެމިގެންދާނެ ގޮތް ހެއްދެވިދާނެ ކަމަކަށް ވެސް ބުއްދި ޤަބޫލެއް ނުކުރެ އެވެ. މުޅި ދިރިއުޅުމުގެ ޙަޔާތުގެ ބޮޑުބައިގައި އަތްމަތިދަތި ހާލުކޮޅުގައި އުޅުއްވަމުން އަދި އެއާއިއެކު މީސްތަކުންގެ ދުއްތުރާ އުފުއްލަވަމުން ގެންދެވި އާދައިގެ އިންސާނަކަށް ޤުރުއާންފަދަ ފޮތެއް ގެނެވިދާނެކަމަށް ބުއްދި ޤަބޫލުކުރާ އޮތީ އެންމެ ގޮތެކެވެ. އެ ގޮތަކީ އެ ފޮތަކީ ޢާލަމްތަކުގެ ވެރި ﷲ އެ އިންސާނާގެ މައްޗަށް ބާވައިލެއްވި ވަޙީ ކަމުގައި ޤަބޫލުކުރުމެވެ.


އިންސާނުން ދިރިއުޅެމުންމިދާ ދުނިޔެއަކީ ފަތާކޮށް އޮންނަ ތަނެއްކަމަށް މި ޒަމާނުގެ ދުނިޔޭގައި ޢިލްމީ ނަޒަރަކުން ކަންކަމާއިމެދު ވިސްނާ އެއްވެސް މީހަކު ޤަބޫލެއްނުކުރާނެ އެވެ. ޤުރުއާން ބާވައިލެއްވިގެން އައި ޒަމާނަކީ ޔޫރަޕްގެ ޤައުމުތަކުގައި މިދުނިޔެއަކީ ވައް އެއްޗެއް ނޫންކަމަށާއި، ދުނިޔެއަކީ ފަތާކޮށް އޮންނަ ތަނެއްކަމަށް ޤަބޫލުކުރެވިފައި އޮތް ދުވަސްވަރެކެވެ. ދުނިޔެ ވަނީ ވައް ބޯޅައެއް ފަދައިން ކަމަށް ބުނާމީހުން ނަޞާރާ ދީނުން ބޭރުވެ މުރުތައްދުވާނެކަމަށް ފައްޅީގެ ފާދިރީން ނިންމައި، އެހެން ބުނާ މީހުންނަށް މަރުގެ އަދަބު ދީފައިވެއެވެ. އެހެންނަމަވެސް ޤުރުއާނުގައި އެޒަމާނުގެ ދުނިޔޭގައި އޮތްފަދަ ދެކޮޅުނުޖެހޭ އެއްވެސް ޤަބޫލުކުރުންތަކެއް ހިމެނިފައި ނުވެ އެވެ. އިންސާނާގެ ސަލާމަތް ބުއްދިއާއި، ޢިލްމީ ހޯދުންތަކާއި ތަޢާރުޟުނުވާނޭ ގޮތަށް އެކުލެވިގެންވާ ހަމައެކަނި މުޤައްދަސް ފޮތަކީ ޤުރުއާނެވެ. މި ޙަޤީޤަތް ނަޞާރާ ދީން ފަތުރަންއުޅޭ މިޝަނަރީންގެ މީހުންނަށް އެނގުމުން އެމީހުން މަސައްކަތްކުރަން ފަށާފައިވަނީ ނަޞާރާއިންގެ ބައިބަލް ވެސް ވަނީ އެފަދައިންކަން ސާބިތުކޮށްދެވޭތޯ އެވެ. އެހެންނަމަވެސް ސަލާމަތް ބުއްދިއާއި، މި ޒަމާނުގެ ސައިންސްގެ އައު ހޯދުންތަކާއި ދިމާއިދިކޮޅު އެތަކެއް ދެކޮޅުނުޖެހޭ ވާހަކަތަށް ބައިބަލްގައި ގިނަކަމުން، ދެން އެމީހުން އުޅެނީ ޤުރުއާނުގައި ބަޔާންވެގެންވާ އެތަކެއް ޢިލްމީ ޙަޤީޤަތްތައް ސައިންސާއި ތަޢާރުޟުވާކަން ދެއްކުމަށެވެ. މިގޮތުން ސައިންސްގެ އައު ހޯދުންތަކުގެ އަލީގައި ކަނޑައެޅިގެން ސާބިތުވެފައި ހުރި ޢިލްމީ ޙަޤީޤަތްތަކަށް ދަނޑި ބާނައިގެން ގަޑުބަޑުކުރަން އުޅެފައި ވެއެވެ. ސައިންސްގެ ބައެއް ހޯދުންތަކަކީ އިންސާނާގެ ޢިލްމު އިތުރުވަމުންދާ ވަރަކުން، ކުރީގެ ނިންމުންތަކަށް ބަދަލު އަންނަމުންދާ އެއްޗަކަށް ވަތީ، އެބައިމީހުން އުޅެފައި ވަނީ ތިއަރީތަކާއި ތަފާތު ހައިޕޮތިސިސްތަކާއި ޢިލްމީ ޙަޤީޤަތްތައް އެއްކޮށް އޮޅުންބޮޅުން ކޮށްގެން ޤުރުއާނާމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކުއުފެއްދުމަށެވެ.


ޤުރުއާނަކީ ސައިންސްގެ ޢިލްމަށް ޚާއްޞަކުރެވިފައިވާ ފޮތެއް ނޫނެވެ. އެ ފޮތަކީ އެންމެހާ އިންސާނުންނަށްވާ ހިދާޔަތެކެވެ. ޤުރުއާނުގައި އެތަކެއް ހާސް ޢިލްމީ ޙަޤީޤަތްތައް ބަޔާންވެގެންވާކަމުން ދޭހަވަނީ އެ ފޮތަކީ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޢާލަމްތަކުގެ ވެރި ﷲ ބާވައިލެއްވި ފޮތެއްކަމެވެ. ހަމައެކަނި ޢިލްމީ ނަޒަރަކުން ޤުރުއާނާމެދު ވިސްނާލިޔަސް އެއީ މުޢުޖިޒާތެއްކަން ޔަޤީންކުރެވޭނެ އެވެ. ޒަމާންތަކުގެ ތެރެއިން މީސްތަކުން އަޖާއިބުކުރުވަމުން ދިޔަ އެތަކެއް ކަންކަމާއި ތަކެތި ވަނީ ނެތިވެގޮސްފަ އެވެ. އެކަމަކު ޤުރުއާން އެއަށް އެއްވެސް ބާކަމެއް، ބާޠިލުކަމެއް ނައިސް ޤަރުނުތަކަށް ވަނީ ދެމިގެންގޮސްފަ އެވެ. އަދިވެސް އަންނަން އޮތް ޒަމާނުގައި އެކަން އެގޮތަށް ހިންގަމުންދާނޭކަން ޔަޤީންކުރެވޭ އެތަކެއް އަލާމާތްތައް ވަނީ ފެނި ކަށަވަރުކުރެވިފަ އެވެ. މިގޮތުން އެންމެ މޮޅެތި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހޯދޭ އައު ހޯދުންތައް ހޯދައި ނިމޭއިރު އެކަން ހިނގަމުންދަނީ އެފަދައިންކަން އަންގާދޭ ޤުރުއާނުގެ އާޔަތްތައް އެ ފޮތުގައި ހުރެ އެވެ. އެއާއި އެކު އިންސާނުންގެ ޢިލްމުގެ މަދުކަމާއި، އިތުރަށް ހޯދައި އުނގެނެން ބޭނުންވާކަމުގެ އިޙްސާސް ސައިންސް ޢިލްމުވެރިންނަށް ކުރެވެ އެވެ. ޤުރުއާން އަބަދުވެސް ވަނީ އިންސާނުންގެ ޢިލްމަށްވުރެ ކުރިއަރައިފައި ކަން އެނގުމުން އެތަކެއް ޣައިރު މުސްލިމް ސައިންސްވެރިން އަޖާއިބުވެ ބަސްހުއްޓިގެން ދެއެވެ. އެއާއެކު އޭގެ ތެރެއިން ބައެއް މީހުން އިސްލާމް ދީނަށް ވަންނަމުން ދެއެވެ.


ހުޅަނގުގެ މީހުން ބޮޑު ފިޒިކްސް ޢިލްމުވެރިއެއް ކަމުގައިބަލާ އަލްބަރޓް އައިންސްޓައިން ބުނެފައި ވެއެވެ. "ދީނާ ނުލައި ސައިންސަކީ ކޮރު އެއްޗެކެވެ. ސައިންސާ ނުލައި ދީނަކީ ކަނު އެއްޗެކެވެ." މީގެ މާނަ އަކީ ދީނާއި ސައިންސް ވާންޖެހޭނީ ގުޅި ލާމެހިފަ އެވެ. މި ދުނިޔޭގައިވާ ދީންތަކުގެ ތެރެއިން ސައިންސާއި ތަޢާރުޟުނުވާ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. އިސްލާމް ދީން ފެށިގެން އައީ ވެސް ޢިލްމު އުނގެނުމަށް ބާރު އަޅުއްވަމުންނެވެ. ސައިންސް ޢިލްމުގެ އަލީގައި ދެނެނުގަނެވޭނެ ކިތަންމެ ކަމެއް އިސްލާމް ދީނުގައި ބަޔާންވެގެންވެ އެވެ. އިންސާނާއަށް ނުފެންނަ، ނުއިވޭ ނުވަތަ ނޭނގޭ ކޮންމެކަމެއް ސައިންސްގެ އަލީގައި ހޯދައި ނުގަނެވިއްޖެނަމަ އެއީ ނުވާކަމެކޭ ނޫންނަމަ ނެތް އެއްޗެކޭ ނުބުނެވޭނެ އެވެ.


ކޮންމެ މީހަކު ނަމަވެސް އެމީހަކު ކުރާ ދައުވާ އެއީ ތެދެއްކަމުގެ ހެކި ދައްކަންޖެހެ އެވެ. މާތް ނަބިއްޔާ މުޙަންމަދު ޞޮއްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދައުވާއަކީ އެކަލޭގެފާނަކީ އެއްކައުވަންތަ ﷲ މީސްތަކުންނަށް ތެދުމަގައިގެން ފޮނުއްވި ރަސޫލެއްކަމުގެ ދައުވާ އެވެ. އެކަން ޔަޤީންކޮށްދޭ އެތަކެއް ހެކިތަކެއްގެ ތެރެއިން އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި މީސްތަކުންނަށް ފެންނާނެހެން މިއަދާ ހަމައަށް ވެސް ކީރިތި ޤުރުއާން އެ އޮތީ އެވެ. އަބަދަށް ދެމިގެންދާނޭ މުޢުޖިޒާތެއްގެ ގޮތުގައި އެއްވެސް ބަދަލެއް، އުނިއިތުރުކަމެއް ނައިސް އެ ފޮތް އޮންނައޮތުން އެކަނި ވެސް އެއީ އަންތަރީސްވާވަރުގެ ބޮޑު އަޖާއިބެއް ކަމުގައި ފުދޭހައި ވެއެވެ. މިހެންކަމާއެކު ޤުރުއާނުގައި ބަޔާންވެގެންވާ ގޮންޖެއްސެވުން އަބަދަށް ދެމިގެންދާނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު