އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

7 months ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

6 months ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

6 months ago

ވާހަކަ

ހުޅަނގުއައްސޭރިއަކީ އިސްރާއީލުގެ ތަނެއްކަމުގައި އެމެރިކާއިން ބަލައިގެންފާނެ

4 months ago

އިބްރާހިމް ނާޒިމް

އެމެރިކާއިން ދެންކުރާނެކަމަކީ ފަލަސްޠީނުގެ ހުޅަނގުއައްސޭރި (الضفة الغربية) އަކީ އިސްރާއީލުގެ ތަނެއް ކަމުގައި ބަލައިގަތުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފި އެވެ. އިސްރާއީލުން ޢަރަބިންގެ އަތުން ގަދަކަމުން ހިފާފައިވާ ބިންތައް މިލްކުކުރުމަށް ބާރުދޭ އެމެރިކާގެ ސިޔާސަތުގެ ތެރެއިން މުޅި ދުނިޔޭގެ ނުރުހުމާއެކު ވެސް މިހާރު ވަނީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކޮށްފަ އެވެ. މިހެންކަމާއެކު 1967ގެ ހަނގުރާމައިގައި އިސްރާއީލު ހިފާފައިވާ އިރުމަތީ ޤުދުސްގެ ބިމަކީ ޔަހޫދީ އިސްރާއީލުގެ ތަނެއްކަމުގައި އެމެރިކާއިން އެވަނީ ބަލައިގެންފަ އެވެ. ހަމައެފަހަރުގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގައި ޔަހޫދީ ޒަޔަނިސްޓުން ވަނީ ސީރިޔާގެ ގޯލާންގެ އުސްބިންތައް (مرتفعات الجولان) ވެސް ހިފާފައެވެ. "މުރުތަފިޢާތުލް ޖައުލާން" އަކީ އިސްރާއީލުގެ ތަނެއްކަމަށް އެއްބަސްވެ، އެކަން ބަލައިގަނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ޤަރާރެއްގައި ސޮއިކުރައްވާފަ އެވެ.


އެމެރިކާގެ ރައީސްގެ މި ނިންމެވުންތަކަކީ ޒަމާނުއްސުގެ އެ ޤައުމުގެ ސިޔާސަތާ ފުށުއަރާ މައްސަލަ ބޮޑު ނިންމުންތަކެކެވެ. މިހެންކަމުން އެމެރިކާއިން މެދުވެރިއެއްގެ ރޯލުއަދާކުރާގޮތަށް ބޭއްވޭ ޞުލްޙައިގެ ވާހަކަތަކެއްގައި ފަލަސްޠީނުގެ ވެރިން ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. މި ދަނޑިވަޅާ ދިމާކޮށް އެމެރިކާއިން މިފަދަ މައްސަލަބޮޑު ނިންމުންތައް ނިންމަމުން މިދަނީ އެކަމުގެ ފަހަތުގައި އެހެންކަމެއް ވެސް އޮވެގެންނެވެ. އެކަމަކީ އިސްރާއީލުގައި މިފަހަރު ބޭއްވެން މިއުޅޭ އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމަށް ގެނައުމަށް އެހީވެދިނުމެވެ. ގޯލާންގެ އުސްބިންތަކާމެދު ރައީސް ޓްރަމްޕް ނިންމެވި ގޮތާމެދު އަރަބި ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށް އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަމުގައި ޢަރަބިންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.


ދުނިޔޭގެ މުވައްސަސާތަކާއި ބައިނަލްއަޤްވާމީ ޤާނޫނު ހިންގަން ތިބި ފަރާތްތަކުން އެމެރިކާ އެދޭގޮތަށް ކަންތައްކުރަން ދެކޮޅުހަދާނަމަ އެމެރިކާއިން އަބަދުވެސް ކަންކުރަމުން އަންނަ ގޮތަކީ އެފަރާތްތަކުގެ ނިންމުންތައް ބަލައިނުގަނެ އެމެރިކާއިން ބޭނުންވާގޮތަށް ކަންތައް ކުރުމެވެ. މިހެންކަމާއެކު ބައިނަލްއަޤްވާމީ މުޖުތަމައުއަށް ވަނީ އެމެރިކާ ނުރުހޭނަމަ އެއްވެސް ބައެއްގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން ނުކުޅެދިފަ އެވެ. ފަލަސްޠީނު ރައްޔިތުންގެ އަތުން އިސްރާޢީލު ހިފާފައިވާ ބިންތައް އަނބުރާ ހޯދާދެވޭތޯ ބެލުމާއި، އެބައިމީހުން ގޯތިގެދޮރަށް ރުޖޫޢަވާން ކުރާ މަސައްކަތަށް އެއްބާރުލުންދޭނެ މަދު ޤައުމެއް ނޫނީ ދުނިޔޭގައި ނެތެވެ. ޔަހޫދީ އިސްރާޢީލުން އިރުމަތީ ޤުދުސްއާއި ގޯލާންގެ އުސްބިންތައް އަދި ހުޅަނގުއައްސޭރި ހިފިފަހުން 52 އަހަރު ފާއިތުވީ އެވެ. މި މުއްދަތުގެ ތެރޭގައި އެތަންތަން ޝަރުތެއްނެތި ދޫކޮށްލަންޖެހޭނެކަމަށް އދ އިން ފާސްކުރި އެއްވެސް ޤަރާރަކަށް އިސްރާޢީލު އަމަލުކޮށްފައި ނުވެ އެވެ. އދ ގެ ސަލާމަތީ މަޖްލިސް އިން ފާސްކުރާ ޤަރާރުތައް ތަންފީޒުކުރޭތޯ ބަލާ އެކަން ކުރަން މަޖުބޫރުކުރަންޖެހޭނެ ކަމަށް އާންމުކޮށް ވާހަކަދައްކާ އެމެރިކާއިން ވެސް އިސްރާޢީލު ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއަށް ގެންނާކަށް މަސައްކަތެއް ނުކުރެއެވެ.


މިހިނގާ 2019ވަނަ އަހަރުގެ މާރޗްމަހުގެ 25ވަނަ ދުވަހުން ފެށިގެން މިފާއިތުވީ ދެތިން ދުވަހަކީ ގޯލާންގެ މައްސަލަ އެމެރިކާ އާއި ހުޅަނގު ދުނިޔޭގައި ވެސް ބޮޑު ބަހުސަކަށްވެ އެތަކެއް ޒުވާބުތައް ކުރެވުނު ދުވަސްތަކެކެވެ. ގޯލާންގެ އުސްބިން ތަކަކީ އިސްރާއީލުގެ ތަނެއްކަމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމުމަކީ އެކަމުން އދ ގެ ނިންމުންތަކަށް ފާޅުގައި ޖެއްސެވި ގޮމެކެވެ. ހަނގުރާމައެއްގައި ނަމަވެސް ހިފާފައިވާ ބިމެއް މިލްކުކުރުމާއި، އެބިމުގައި އެބައެއްގެ ރައްޔިތުން އާބާދުކުރުމާއި، އެބިމުގައި ކުރިންވެސް ތިބި ވަޒަންވެރިން އެތަނުން ނެރެ ފައްސާލުމަކީ ޖެނީވާ ކޮންވެންޝަން އިން ވެސް މަނާކުރެވިފައިވާ ކަމެކެވެ. އެހެންކަމުން އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު ކަންކަމެވެ. ހިފާފައިވާ ބިމުގައި އެތަން ހިފިއިރު ބަޔަކު ދިރިއުޅެމުން އައިނަމަ އެބައެއްގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ ވެސް އެބިން ހިފި ބައެއްގެ މައްޗަށް ލާޒުމުކުރާ ކަމެކެވެ. ނަމަވެސް އިސްރާއީލު އަމަލުކޮށްފައި ވަނީ މިހުރިހާ ކަމަކާ ދިމާ އިދިކޮޅަށެވެ. އެމެރިކާއިން މިފަދަ ކަންކަން ކުރަން އިސްރާއީލަށް ދޫކޮށްލާފައި ވާތީ ދެން ބުނެވެން އޮތީ ދާދި އަވަހަށް ހުޅަނގުއައްސޭރި އަކީ އިސްރާއީލަށް މިލްކުވެފައިވާ ބިމެއް ކަމުގައި އެމެރިކާއިން ބަލައިގަންނާނެ ކަމަށް ބެލެވޭކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ވަގުތުޖެހުމުން ޔަހޫދީ ޒަޔަނިސްޓުން ބުނާނީ ފަލަސްޠީނުގެ ހުރިހާ ރައްޔިތުންނަށް ގޮސް ޣައްޒާގައި ދިރިއުޅެވޭނެ ކަމަށެވެ. ހުޅަނގުއައްސޭރިން ފަލަސްޠީނުގެ ހުރިހާ ރައްޔިތުން ނެރެލުން އެއީ ކުރިންވެސް ޔަހޫދީ ދައުލަތުން ބޭނުންވެގެން އުޅުނު ކަމެކެވެ. ކުރިން އިސްރާއީލުގެ ބޮޑުވަޒީރުކަންކުރި އޭރިއަލް ޝެރޯން ޑިފެންސް މިނިސްޓަރު ކަމުގައި ހުރިއިރު ހުޅަނގުއައްސޭރިން ފަލަސްޠީނު މީހުން ހުސްކޮށްލުމުގެ ޚިޔާލު ފާޅުކޮށްފައި ވެއެވެ. ނަމަވެސް 1990ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް އެކަން ނުކުރެވި އޮތީ އެކަންކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެމެރިކާގެ ތާއީދު ނުލިބި އޮތުމުންނެވެ. އެމެރިކާގެ ސިޔާސަތު މިހާރު ބައްޓަންވަމުން ދަނީ އިސްރާއީލު ރުހޭނެގޮތް ހަދާދިނުމުގެ މައްޗަށް ކަމުގައި ވާތީ ހުޅަނގުއައްސޭރީގެ ބިން އެއްކޮށް މިލްކުކުރުމުގެ ކަންކަން ޔަހޫދީންނަށް ދާދި ފަސޭހަވެގެންދާނެ އެވެ.

___________________________________________________________________

ނޯޓް 1: ތޫނިސްގައި ބޭއްވެން މިއުޅޭ ޢަރަބި ލީގުގެ ސަމިޓް ކޮންފެރެންސްގައި ޢަރަބި ޤައުމުތަކުން ޞުލްޙައަށް އިސްނެގުމަށް ގޮވާލާ 2002ވަނަ އަހަރު ސައުދީ ޢަރަބިއްޔާއިން ހުށަހެޅި އެޖެންޑާ ޢަރަބި ލީގުގެ ސަމިޓް ބައްދަލުވުމުން ނެގުން މުހިންމެވެ. ސައުދީ ޢަރަބިއްޔާއިން ހުށަހެޅި ޕްލޭންގައި ވަނީ އިސްރާޢިލުން ހުޅަނގުއައްސޭރިން ފައިބާ މަތިން 22 ޢަރަބި ޤައުމު އެއްކޮށް އިސްރާއީލާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމެވެ. މުޙައްލިލުން ބުނާގޮތުން ސައުދީގެ މި ހުށަހެޅުމުގައި ހުރިހާ ފައިދާއެއް އޮތީ އިސްރާއީލަށެވެ. ޔަހޫދީ ސިފައިން ދޫކޮށްފައިދާ ތަންތަނަށް އަލުން ވެރިވުމަކީ އެމީހުންގެ އާދައެކެވެ. މިހެންކަމުން ސައުދީ ޢަރަބިއްޔާއިން މަސައްކަތްކުރަނީ އިސްރާއީލަށް ފައިދާވާނެހައި ގޮތެއް ބަލައިގެން އެ ގޮތަކަށެވެ. އެހެނީ އަރަބި ޤައުމުތަކުގެ ތެރެއިން މިވަގުތު ޔަހޫދީ އިސްރާއީލާ އެންމެ ގުޅުން ބޮޑު ޤައުމަކީ ސައުދީ ޢަރަބިއްޔާ އެވެ. އިސްރާއީލުން ހިންގާ އެތަކެއް ޖަރީމާތަކަށް ސައުދީ އިން ދަނީ ފައިސާ ޚަރަދުކުރަމުންނެވެ.


ނޯޓް 2: ފޮޓޯއިން އެ ފެންނަނީ 1967ވަނަ އަހަރުގެ ޖޫންމަހު ހިނގާދިޔަ ޢަރަބި-އިސްރާއީލު ހަނގުރާމައިގައި ޔަހޫދީ އިސްރާއީލުން ހިފި ޢަރަބިންގެ ބިންތަކެވެ.

ކިޔުންތެރިންގެ ހިޔާލު